މިއަދުން ފެށިގެން މާލޭގައި ބާޒާރުކުރުމަށް ދޫކޮށްފައިވާ ހުއްދަތަކަށް ބަދަލު ގެނައުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނިންމައިފި އެވެ.
އެގޮތުން ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކުރިއަށް އޮތް ތަނުގައި ބާޒާރަށް ދެވޭނީ ހަފްތާއަކު އެއް ފަހަރު ކަމަށެވެ.
މިއަދުން ފެށިގެން ބާޒާރުކުރުމަށް ދޫކުރެވިފައިވާ ހުއްދަތަކަށް ބަދަލެއް ގެނެވޭނެ. މިގޮތުން،ކުރިއަށް އޮތް ތަނުގައި ބާޒާރަށް ދެވޭނީ ހަފްތާއަކު 1 ފަހަރު. ތިޔަ ބޭފުޅުންނަށް ކަނޑައެޅިފައިވާ އާ ގަޑިތައް އާ މެސެޖަކުން ލިބިވަޑައިގަންނަވާނެ. އަލުން ރެޖިސްޓަރކުރައްވަން ނުޖެހޭނެ.
— Maldives Police (@PoliceMv) May 14, 2020
“ތިޔަ ބޭފުޅުންނަށް ކަނޑައެޅިފައިވާ އާ ގަޑިތައް އާ މެސެޖަކުން ލިބިވަޑައިގަންނަވާނެ. އަލުން ރެޖިސްޓަރކުރައްވަން ނުޖެހޭނެ”، ފުލުހުން ބުނެފައި ވެއެވެ.
މީގެ ކުރިން މާލޭގައި ޒަރޫރީ ބޭނުންތަކަށް ބާޒާރުކުރުމަށް ކޮންމެ ތިން ދުވަހުން އެއް ދުވަހަކު ގޭބިސީއަކުން އެކަކަށް ދެވެއެވެ. އެ ހުއްދައިގެ ދަށުން ވިޔަފާރިކުރަން ދެވެނީ އެމީހަކަށް ކަނޑައަޅާފައިވާ ވަކި ސަރަޙައްދަކަށެވެ.
މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، މެއި 28ގެ ނިޔަލަށް ފުރަބަންދުގެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފަ އެވެ. އަދި މަގުމައްޗަށް މީހުން އެއްވެ އުޅޭ މިންވަރު އިތުރަށް ކޮންޓްރޯލްކުރުމުގެ ގޮތުން ހަފްތާއަކު އެއް ދުވަހު ވިޔަފާރިކުރަން ނިކުމެވޭ ގޮތަށް ހަދާފައިވާއިރު، ޞިއްޙީ މާހިރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ ހަފްތާގައި ރާއްޖެ ‘ޕީކް’ އަށް ދިއުން އެކަށީގެންވެއެވެ.