މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން އެކި ގައުމުތަކުގައި ތާށިވެފައިތިބި އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން އަނބުރާ ގެންދިއުމަށް އިންޑިއާ އިން ނިންމައިފިއެވެ.
އެގޮތުން، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ހަރްދީޕް ސިންގ ޕޫރީ ވަނީ އެ ގައުމުން ހިންގާ އޮޕަރޭޝަނުގެ ދެވަނަ ފިޔަވަހީގެ ދަށުން މި މެއި މަހުގެ 16 އިން 22 އަށް ދުނިޔޭގެ 31 ގައުމަކުން 149 ފްލައިޓެއްގައި ގާތްގަނޑަކަށް 30 ހާހެއްހާ މީހުން އަނބުރައި ގައުމަށް ގެންދާނެ ކަމަށެވެ.
އަދި އަނބުރާ ގައުމަށް އައުމަށްޓަކައި ދަތުރުގެ ހުރިހާ ޚަރަދެއް ކުރަންޖެހެނީ އަމިއްލައަކަށް ކަމަށާއި، އެއަށްފަހު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅަކާއެކު އެ މީހަކު ދާން ބޭނުންވާ މަންޒިލެއްގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ހަމަކުރަންޖެހޭނެ ކަމަށް ވެސް ޕޫރީ ކުރެއްވި ޓުވީޓެއްގައިވެއެވެ.
Phase-1 flew to Bahrain, Bangladesh, Kuwait, Malaysia, Oman, Philippines, Qatar, Saudi Arabia, Singapore, UAE, UK & USA. Flyers have to pay for these services & will undergo a paid 14-day quarantine in their destination states. All prescribed preventive measures will be taken. pic.twitter.com/B6pE3p8Nqh
— Hardeep Singh Puri (@HardeepSPuri) May 13, 2020
ކޮވިޑް-19 އާ ގުޅިގެން އެކި ގައުމުތައް ލޮކްޑައުން ކުރުމުން، އިންޑިއާ އަށް ދެވޭނެ ގޮތެއް ނެތިފައި ތިބި އެ ގައުމުގެ މީހުން ގެންދިއުމަށް ހިންގާ ބޮޑު އޮޕަރޭޝަންގެ ފުރަތަމަ ފިޔަވަހީގައި މިހާތަނަށް އައިއިރު ރަޖިސްޓްރީކުރެވިފައިވާ 14،800 މީހުންގެ ތެރެއިން 8،500 އެއްހާ ރައްޔިތުން ގައުމަށް ގެންގޮސްފައިވާކަމަށް ވެސް ޕޫރީ ވިދާޅުވިއެވެ.
މުޅި ދުނިޔޭން މިހާތަނަށް 4.4 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އިންޑިއާގެ 78،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފައެވެ. އެ ގައުމުގައި 2،551 މީހުން ބަލިޖެހިގެން މަރުވިއިރު، އަދި މިހާތަނަށް ވަކި ހާއްސަ ފަރުވާއެއް ހޯދިފައިނުވާ މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ ގާތްގަނޑަކަށް 26،400 އެވެ.