މިހާރު އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ފަންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ރެއިން ފެށިގެން އައްޑޫ ސިޓީއަށް ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ފެން ވަން ބައެއް ގެތަކަށް ފެން އިތުރަށް ވަނަނުދިނުމަށް ވެލި ބަސްތާތައް އަންނަނީ ޖަހަމުންނެވެ. އައްޑޫ ސިޓީގެ މޫސުމް ގޯސްވުމުގެ ސަބަބުން މިއަދު އައްޑޫ ސިޓީ މީދޫ އާއި ފޭދޫ އާއި ދެމެދުކުރުމަށް ހަމަޖެހިފައިވާ ކާގޯ ފެރީގެ ދަތުރުވެސް ވަނީ ކެންސަލްކޮށްފައެވެ.
ދާދި ފަހުންވެސް އައްޑޫއަށް ކުރި ވިއްސާރައިގައިވެސް ގިނަ ބައެއްގެ މުަދަލަށް ބޮޑެތި ގެއްލުންތަކެއްވެފައިވާއިރު ބޯކޮށް ވާރޭވެހިއްޖެ ނަމަ އައްޑޫގެ އަވަށްތަކުގެ ބައެއް ސަރަހައްދުކުގައި ވަރަށް އަވަހަށް ފެންބޮޑުވާ މައްސަލަ ދިމާވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު ރޭ 08:00 އިން ފެށިގެން މިރޭ 08:00 އަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށްވަނީ ލަފާކޮށްފައެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން، އުތުރުގެ އަތޮޅުތަކަށްް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މީގެ އިތުރުން މެދުތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އިތުރަށް ގަދަވެގެންދާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ދެކުނު އަތޮޅުތަކަށް ނަގާ ރާޅުގެ އުސްމިނުގައި 4-7 ފޫޓު އަދި އެހެން ހިސާބުތަކަށް 3-6 ފޫޓު ހުންނާނެ އެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.