މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިރޭ 00:00 އިން ފެށިގެން 03:00 އާއި ހަމައަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުގަކުގައި އެ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.
މީގެ އިތުރުން އެ ސަރަޙައްދުތަކަށް އެ ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މިރޭ 08:00 އިން މާދަމާރޭ 08:00 އަށް މެޓް އޮފީހުން މޫސުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން، އުތުރުގެ އަތޮޅުތަކަށްް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މީގެ އިތުރުން އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށާއި، މެދުތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އިތުރަށް ގަދަވެގެންދާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ދެކުނު އަތޮޅުތަކަށް ނަގާ ރާޅުގެ އުސްމިނުގައި 4-7 ފޫޓު އަދި އެހެން ހިސާބުތަކަށް 3-6 ފޫޓު ހުންނާނެ އެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.