English Edition
Dhivehi Edition

ކޮވިޑް-19އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް ދައުލަތުންދޭ ޢިނާޔަތް ދިނުމުގައި ބައްލަވާނީ މާރޗް މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ވަޒީފާގައި ތިބި މީހުންނަށްކަމަށް ޢިނާޔަތް ދިނުމާގުޅޭ އުސޫލުގައި ބަޔާންކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ، އިންކަމް ސަޕޯޓް އެލަވަންސް ދިނުމާއި ގުޅޭ އުސޫލުގައި ވަނީ ޢާމްދަނީއަށް އަސަރުކުރިކަމަށް ބަލާނެ ޝަރުތުތައް ބަޔާންކޮށްފައެވެ. އެގޮތުން މާރޗް މަހުގެ ކުރިއަށް 6 މަސް ވަންދެން އާމްދަނީ ހޯދަމުންދިޔަ ފަރަތްތަކަށް އެލަވަންސެއްގެ ގޮތުގައި ދޭނީ 5000 ރުފިޔާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި އެލަވެންސް ލިބޭނ،ީ މާޗް އެއްވަނަ ދުވަހުގެ ފަހުން، އެމީހަކަށް ލިބޭ އާމްދަނީ މެދުކެނޑިފައިވާނަމަ 5000 ރުފިޔާ އެވެ. މާޗު މަހުގެ އެއްވަނަ ދުވަހުގެ ފަހުން އާމްދަނީގެ ގޮތުގައި ލިބެމުންއައި އަދަދު މަދުވެފައިވާ ފަރާތެއް ނަމަ، އެ ފަރާތަށް އާމްދަނީގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ދަށް އަދަދެއްނަމަ 5000 ރުފިޔާ އިން އެ އަދަދު އުނިކުރުމަށްފަހު ޖެހޭ އަދަދެވެ.

އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ އަމިއްލަ މަސައްކަތް ކުރާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާ އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ދޭނެ ކަމަށް ބުނެފައިވެ އެވެ.

ކޯވިޑް-19އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށްދޭ ޢިނާޔަތާ ގުޅޭ ގޮތުން ޢާންމުކޮށްފައިވާ އުސޫލުގެ މަޤްޞަދަކީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޯވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ. އަދި 1 މާރިޗު 2020 އާ ހަމައަށް ވަޒީފާއެއްގައި ހުރި މީހަކަށްވާން ޖެހޭކަމަށްވެސް އުސޫލުގައިވއެވެ.

މި އުސޫލުގެ ދަށުން ފައިސާ ހޯދުމަށް އެދި ހުށަހަޅާއިރު އަމިއްލަ މަސައްކަތް ކުރާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ. އެގޮތުން މަސައްކަތް ކުރުމުގެ ހުއްދައިގެ ކޮޕީ ނުވަތަ މަސައްކަތް ހަވާލުކުރާ އެއްބަސްވުމުގެ ކޮޕީ، އަމިއްލަ މަސައްކަތް ކުރާ ފަރާތެއްނަމަ، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތަށް އަގުކުރެވިފައިވާ އިންވޮއިސްތަކުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.

ސަރުކާރުން އިއުލާންކުރި ރިލީފް ޕެކޭޖްގެ ތެރެއިން ވެސް، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 18،000 ރުފިޔާއާ ހަމަޔަށް ލޯނު ނެގެ އެވެ. އެހެން ނަމަވެސް، އެ އަދަދު ކުޑަކަމަށް ބުނެ، ޝަކުވާ ބޮޑުވެފައިވެ އެވެ.