English Edition
Dhivehi Edition
ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ކޮޅަށް އިތުރުވަގުތުގައި ދެލަނޑު ކާމިޔާބުކުރި އެތުލެޓިކޯ މެޑްރިޑްގެ މާކަސް ލޮރެންޓޭ (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މިދިޔަ މާރިޗް މަހުގައި އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް އަތުން ދެ ލެގު އެއްކޮށް 4-2 ގެ އެގްރިގޭޓުން މޮޅުވީ ނަސީބަކުން ނޫން ކަމަށާއި، މޮޅަށް ކުޅެގެން ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.

ސިމިއޯނީ މިހެން ބުނެފައިވަނީ އިނގިރޭސި މީޑިއާގެ އިތުރުން ލިވަޕޫލަށް ތާއީދުކުރާ ގިނަ ބަޔަކު އެ ދެ ޓީމު ބައްދަލުކުރި މެޗުތަކުގައި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ނަސީބު އެހީވެގެން ކުއާޓާ ފައިނަލަށް އެތުލެޓިކޯ ދަތުރުކުރީ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

“ފުޓްބޯޅަ އަކީ ބޮކްސިން ކަހަލަ ކުޅިވަރެއް. އެޓޭކް ކުރަން އެންމެ ރަނގަޅު ދަނޑިވަޅަކީ ކޮބައިކަން އެނގެންޖެހޭނެ.”

“ޓީމެއްގެ ގޮތުގައި އެތުލެޓިކޯގެ އެންމެ ވަރުގަދަ ހަތިޔާރާކީ ކޮބައިކަން އަހަރެމެންނަށް އެނގޭ.” ސިމިއޯނީ ބުންޏެވެ.

އެގޮތުން، ސިމިއޯނީ ބުނީ ލިވަޕޫލް ކަހަލަ ޔޫރަޕްގެ ގަދަ ބާރަކާ ދެކޮޅަށް ކުޅެ އެ ޓީމަށް އުނދަގޫތައް ކުރިމަތިކުރަންވީ ގޮތްތައް އެނގޭކަމަށާއި، އެ ޓީމު އަތުން މޮޅުވީ ނަސީބު އެހީވެގެން ކަމަށް ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށެވެ.

“އަހަރެމެން މޮޅުވީ ނަސީބު އެހީވެގެން ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދެއްގެ ގޮތުގައި ބުނެލަން ބޭނުމީ، އަހަރެންނަށް ފާހަގަވަނީ ޓީމަކުން 2-0 ގެ ނަތީޖާއަކުން ބަލިވިކަން. އަދި ޓީމަކުން ތިން ލަނޑުޖެހިކަން ފާހަގަވި. އެއީ ނަސީބެއް ނޫން،” ސިމިއޯނީ ބުންޏެވެ.