“އޭއޯ ރޯދައިގެ ބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ޑެވިލްޑް ފިޝްތައްޔާރު ކުރާނެގޮތެވެ. ޑެވިލްޑް ފިޝް އަކީ ރޯދަ ވީއްލުމަށްފަހު ފަރާޓާ، ބަތް ނޫނީ ރޮށްޓާއެކު ކާލަން މީރު ޑިޝްއެކެވެ.
ބޭނުންވާތަކެތި:
6 މީހުންނަށް:-
300ގ ރޯމަސް
1 ފިޔާ
1 ސަމްސާ ލޮނުމެދު ހިމުންކޮށް ކޮށާފައި
1 ސަމްސާ އިނގުރު ހިމުންކޮށް ކޮށާފައި
2 ކެޕްސިކަމް
2 ޓޮމާޓޯ
1 ލީކްސް
50މލ ޓޮމާޓޯ ސޯސް
1 ސަމްސާ ސޯޔާސޯސް
2 ސަމްސާ އޮއިސްޓާ ސޯސް
ލޮނު އަދި އަސޭމިރުސް
100މލ ތެޔޮ (ތެލުލަން)
1 ސަމްސާ ހިކިމިރުސް ރާޅުކޮށް މުގުރާފައި ހުރި
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ މަސްތައް ކިއުބްގޮތަށް ކޮށާފައި ދޮވެފައި ލޮނު އަދި އަސޭމިރުސް ލާފައި 10 މިނެޓްވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ. މެރިނޭޓް ވުމުން ތަވަޔަކަށް ތެޔޮފޮދު އަޅާފައި ހޫނުވެލީމަ މަސް އެޅުމަށްފަހު ގޯލްޑެން ބްރައުން ކުލައަރަންދެން ތެލުލާފައި ޓިށޫއަކަށް މަސްތައް ނަގާފައި ބަހައްޓާށެވެ. ދެން އެހެން ތަވައަކަށް ތެޔޮފޮދެއް އެޅުމަށްފަހު އިނގުރު، ލޮނުމެދު އަޅާފައި ރަތްވެލީމަ ފިޔާ، ކެޕްސިކަމް، ލީކްސް ރޯ ޓޮމާޓޯ، ހިކިމިރުސް، ސޯޔަސޯސް، އޮއިސްޓާ ސޯސް އަދި ލޮނު ލައިގެން މަޑުގިނީގައި ދޭފަތުން ހަލުވަމުން ދާށެވެ. ދެން ޓޮމަޓޯސޯސް ވެސް އެޅުމަށްފަހު ތެލުލި މަސްތައް އަޅާފައި ސޯސްގަނޑު މަހުގައި ހިފާވަރަށް އެއްކޮށްލުމަށްފަހު ކެކިގަތީމާ އުނދުން ނިއްވާލާށެވެ.
ނޯޓް: ޑެވިލްޑް ފިޝް ތައްޔާރު ކުރުމަށް އަޅާ ސޯޔަސޯސް އަދި އޮއިސްޓާ ސޯހުގައި ލޮނުރަހަ ހުރުމުން މި ޑިޝް ކައްކަމުންދާއިރު ލޮނު ހެޔޮވަރު ކުރާނީ ރަނގަޅަށް ބެލުމަށްފަހުގައެވެ.