English Edition
Dhivehi Edition
28 އޮކްޓޯބަރު 2018ގައި އައްޑޫ އަށް އުރީދޫ ސުޕާނެޓް ޚިދުމަތް ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮތޯ: ކޯޕަރޭޓް މޯލްޑިވްސް

މިރޭ ގާތްގަނޑަކަށް ބައި ގަޑިއިރަށް އުރީދޫގެ އިންޓަނެޓް ޚިދުމަތަށް ބުރޫ އަރާފާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ޚިދުމަތް ދެމުން އަންނަ އުރީދޫ މޯލްޑިވްސް އިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ބައިނަލްއަޤްވާމީ އިންޓަނެޓް ސަރވިސް ޕްރޮވައިޑަރ (އައިއެސްޕީ) އިން ކުއްލި ގޮތަކަށް ކުރުމަށް ހަމަޖެހިފައިވާ މެއިންޓެނެންސް މަސައްކަތެއްގެ ސަބަބުން، މިރޭ 11:30 އިން މާދަމާ ފަތިހު 05:00 އާއި ދެމެދު، ބައި ގަޑިއިރަށް މޮބައިލް އަދި ބްރޯޑްބޭންޑް އިންޓަނެޓް ބޭނުންކުރުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން އުރީދޫ އިން ބުނީ މެއިންޓެނެންސް ކުރާއިރު، ކަސްޓަމަރުންނަށް ކުރާ އަސަރު ވީހާވެސް ކުޑަކުރުމަށް އައިއެސްޕީ އާއެކު އެ ކުންފުނީގެ އިންޖިނިއަރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި އޭގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އުރީދޫ އިން ވަނީ މަޢާފަށްވެސް އެދިފަ އެވެ.