English Edition
Dhivehi Edition
ގެވެށި އަނިޔާ އާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ދަ ޖަކާޓާ ޕޯސްޓް

ވަރިވާން އެދިފައިވަނިކޮށް، އަނބިމީހާ ދިރިއުޅޭ ތަނަށް ގަދަކަމުން ވަދެ ހަމަލާދިން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންތަކެއް ވަނީ އަނބިމީހާ އަށް އަނިޔާކުރި ކަމަށް ބުނާ މީހާ ހައްޔަރުކޮށްފައި ކަމަށާއި، އެކަން މިހާރު އާއިލާއާއި ހިއްސާކޮށްފައިވާ ކަމަށެވެ.

އެ ފިރިހެން މީހާގެ ފިރިހެން ދަރިފުޅު ވަނީ އަނބިމީހާ އާއި ދަރިންނާމެދު އޭނާ ޢަމަލުކުރާ ގޮތް ބަޔާންކޮށް ރޭ މީސްމީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފަ އެވެ. އެ ޕޯސްޓްގައި އެކުއްޖާ ބުނެފައި ވަނީ އޭނާގެ ބައްޕައަކީ ފެށުނީއްސުރެވެސް އޭނާ މަންމައަށް އަނިޔާ ކުރަމުން އަންނަ މީހެއް ކަމަށާއި، އޭނާގެ މައްސަލަ ދެ ފަހަރެއްގެ މަތިން ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާގެ މަންމަ ވަނީ ބައްޕަގެ ކިބައިން ވަރިވާން އެދިފައި ކަމަށާއި، ނަމަވެސް މި ދުވަސްކޮޅު ކޯޓުތައް ބަންދުވުމާއި ގުޅިގެން އެކަމާއި ގުޅޭގޮތުން އަދި ކޯޓުން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދި މިހާރު އޭނާގެ މަންމަ އާއި ބައްޕަ ދިރިއުޅެމުންދަނީ ވަކިން ކަމަށާއި، ނަމަވެސް ބުދަ ދުވަހުގެ ރޭ އޭނާގެ ބައްޕަ ވަނީ ގަދަކަމުން އެމީހުން ދިރިއުޅޭ ގެއަށް ވަދެ، މަންމަ އަށް ހަމަލާދިނުމަށްފަހު މަންމަގެ ފޯނު ގަދަކަމުން އަތުލައިގެންފައި ކަމަށްވެސް އެ ޕޯސްޓްގައި ބުނެފައި ވެއެވެ.

އަދި އޭނާގެ ބައްޕަ ވަނީ އެ ރޭ އޭނާގެ މަންމަ ސިޑިއަށް ކޮއްޕާލައި، އޭނާ އަދި ދައްތަ އާއި މަންމަ އަށް މަރާލާނެކަމުގެ އިންޒާރުވެސް ދީފައި ކަމަށް އެކުއްޖާ ބުނެއެވެ. އަދި އޭނާގެ ބައްޕަ ޖަލަށް ނުފޮނުވައި އެ މައްސަލަ ހައްލުކުރަން ވަރަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް އޭނާގެ ޢަމަލުތައް ދުވަހުން ދުވަހަށް ގޯސްވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެކުއްޖާ ވަނީ އޭނާގެ ބައްޕަ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.