ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އުމުރުން 53 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ 01:20 ހާއިރު އެވެ.
ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާއަކީ އެ ސަރވިސް އިން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށާއި، އެފަދަ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ހާދިސާ ހިނގި އަތޮޅާއި ރަށް ހާމަނުކުރާ ކަމަށެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ އިތުރު ވެފައިވާކަން ފާހަގަކޮށްލެވެ އެވެ.
އެގޮތުން ރާއްޖޭގެ ދެކުނުގެ ރަށެއްގައި 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 18 އަހަރުގެ ފިރިހެނަކުވެސް ވަނީ މިދިޔަ އޭޕްރީލް މަހުގެ 09 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އަދި ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން 04 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް މީހަކު ޖިންސީ ގޯނާކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ.