English Edition
Dhivehi Edition

ރާއްޖޭގެ ފުރަތަމަ ރައީސް، ރައީސް މުހައްމަދު އަމީންގެ ދަރިކަނބަލުން އައްނަބީލާ އަމީނާ މުހައްމަދު އަމީން އަވަހާރަވުމާ ގުޅިގެން، އެކަމަނާގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ޢާއިލާއާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި މި ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވިއެވެ. އަދި އެ މަރްޙޫމާގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށްވެސް ވިދާޅުވިއެވެ.

އަމީނާ އަވަހާވަރަވީ މިއަދު ހެނދުނު މާލޭގަ އެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 85 އަހަރެވެ. އެކަމަނާ އަވަހާރަވީ މިފަހުން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ.

އައްނަބީލާ އަމީނާ މުޙައްމަދު އަމީން، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވެއެވެ. ސަރުކާރުގެ ޚިދުމަތް ފުރަތަމަ ފަށްޓަވާފައިވަނީ 23 ޖުލައި 1955ގައި މަދްރަސަތުލް ސަނިއްޔާގެ ނާޒިރުގެ ނައިބު ކަމުގެ މަގާމުންނެވެ. 17 ޑިސެންބަރު 1957 ގައި އެ މަޤާމުން ވަކިވެވަޑައިގަތުމަށްފަހު ދެން ޚިދުމަތް ފެށްޓެވީ 21 މެއި 1961 ގައި ވުޒާރަތުއް ޞިއްޙާގެ ސެކްރެޓަރީ ކަމުގެ މަޤާމުންނެވެ.

“އަންނަބީލާ އަމީނާ މުހައްމަދު އަމީން ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާގުޅިގެން އަޅުގަނޑުގެ އިހްލާސްތެރި ތައުޒިޔާ މަރުހޫމާގެ އާއިލާއަށް ދަންނަވަން. މާތް ﷲ އެމަރްހޫމާއަށް، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަންދެއްވާށި! އާމީން،” ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އަމީނާ އަހަވާރަވުމާ ގުޅިގެން، މިހާރު ވަނީ ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފައެވެ. ތައުޒިޔާގެ ދަފްތަރުގެ ކަންކަން ކުރިއަށް ގެންދަނީ ވާޗުއަލް ކޮށެވެ.

އަމީނާ ދުނިޔެ ދޫކުރެއްވި އިރު، އެކަމަނާގެ ފިރިކަލުންނާއި ހަތަރު ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އަމީނާގެ ބޭފުޅުންނަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް، އަދި އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަރަހަނާޒް ފައިސަލް، ސުވޭކާރު އަބްދުލްހަމީދު އަދި އިބްރާހިމް ފައިސަލް އެވެ.