ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ އައްޑޫ ސިޓީ ގޮފީގައިވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ހިންގޭނެ ނިޒާމު ޤާއިމްކޮށްފި އެވެ.
ޕީޖީ އޮފީހުން މިރޭ ބުނީ ޕީޖީ އޮފީހުގެ އައްޑޫ އޮފީހުގައިވެސް ވީޑިއޯ ކޮންފަރެންސިންގެ ނިޒާމު ކާމިޔާބު ކަމާއެކު ޤާއިމްކޮށްފައިވާ ކަމަށެވެ. އަދި މިހާރު އައްޑޫ އާއި ފުވައްމުލަކު ސިޓީގެ ކޯޓުތަކުގެ ޝަރީޢަތްތައް އެ އޮފީހުން ކުރިއަށްގެންދަނީ އެ ނިޒާމު މެދުވެރިކޮށް ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.
We have successfully established video conferencing facility at PGO Addu office. We now conducts remand and trials at Addu and FVM courts via this system. Today, first such case was concluded at Addu Hithadoo Court. Historical event! @judiciarymv
— PGOMV (@PGO_MV) May 4, 2020
މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި މައްސަލައެއް ނިންމާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުގެ އައްޑޫ ގޮފި ޤާއިމްކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫގަ އެވެ.
ޕީޖީ އޮފީހުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ކުރަން ފަށާފައި ވަނީ މިދިޔަ މާރިޗު މަހުގެ 19 ވަނަ ދުވަހު އެވެ.
މިދިޔަ މާރިޗު މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ. އެކަމާއި ގުޅޭގޮތުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއެކު އުޅެން ދަސްކުރުންޖެހޭ ކަމަށާއި، ޢަދުލުގެ ނިޒާމުވެސް އެކަން ކުރަންޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓުގެ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ކުރުމުގެ ނިޒާމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ޕީޖީ ވިދާޅުވި އެވެ.
“ޕީޖީ އޮފީހުގައި ވީޑިއޯ ކޮންފަރަންސް 10 ސިސްޓަމް މިއަހަރު ތެރޭ ބަހައްޓާނެ. ޚަރަދު ކުޑަވާނެ. އަވަސްވާނެ”، ޝަމީމް ވިދާޅުވެފައި ވެއެވެ.