English Edition
Dhivehi Edition
މާލޭ ލޯކަލް މާރުކޭޓު - ފޮޓޯ: ދަ ލޭޒިންގ ވޮންޑަރަރ

މާލޭ ލޯކަލް މާރުކޭޓުގެ މިހާތަނަށް ހުސްނުކޮށް ހުރި ގޮޅިތައް އަންނަ ބުދަ ދުވަހުގެ ކުރިން ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ވަނީ މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިޢުލާންކޮށްފައިވާ ޞިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ ސިޓީ ފުރަބަންދު ކުރުމާއި ގުޅިގެން މާރުކޭޓުތައް ބަންދުކުރެވިފައިވާތީ، މަރުކޭޓުތަކުގެ ގޮޅިތަކުގައި ހުރި ތަކެތި ހުސްކުރުމަށް ދީފައިވާ ފުރުސަތުގެ ތެރޭގައި މިހާތަނަށް ތަކެތި ނުގެންގޮސް ހުރި ގޮޅިތަކުގެ ވެރިފަރާތްތަކުން މި ހިނގާ މެއި މަހުގެ 06 ވަނަ ދުވަހުގެ ނިޔަލަށް އެތަކެތި ގެންގޮސް ގޮޅިތައް ހުސްކުރުމަށް އަންގައިފަ އެވެ.

މީގެ އިތުރުން އެ މުއްދަތުގެ ނިޔަލަށް ނުގެންގޮސް ހުރި އެފަދަ ތަކެތި ގޮޅިތަކުން ނަގާ ގޮޅިތައް ހުސްކޮށް ސާފުކުރުމަށް ފަހު މުޅި މާރުކޭޓް ޑިސްއިންފެކުޓްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.

އަދި ސިޓީ ކައުންސިލުން ބުނީ މާރުކޭޓުން ތަކެތި ނެރުމަށް ހުޅުވަން ހަމަޖެހިފައި ވަނީ މެއި 06ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 11:00 އިން 14:00 އަށް ކަމަށެވެ.

މާލޭ މާރުކޭޓު ހުސްކުރުމުގެ މަސައްކަތް އެ ކައުންސިލުން ފުރަތަމަ ފަށާފައި ވަނީ ނިމިގެންދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ.