English Edition
Dhivehi Edition
11 ފެބުރުވަރީ 2020ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން، 2020 މޭ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 14 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

އެގޮތަށް ހަމަޖެއްސެވިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި އަހަރުގެ 14 ވަނަ ނަންބަރު ދެންނެވުމުގައެވެ.

ކޮވިޑް-19 އާ ގުޅިގެން، އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުއްވުމުގައްޔާއި، ރައްޔިތުންނަށް ދެއްވަން ޖެހިވަޑައިގަންނަވާ އަސާސީ ޚިދުމަތްތައް ދެއްވުމުގައި، އެޕްރީލް 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ މިއަހަރުގެ 11 ވަނަ ނަންބަރު ދެންނެވުމުގައިވާ ގޮތުގެ މަތިން ޢަމަލުކުރައްވަމުން ގެންދެވުމަށާއި، 2020 އެޕްރީލް 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ މިއަހަރުގެ 12 ވަނަ ނަންބަރު ދެންވެމުގައިވާ ގޮތުގެމަތިން، ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލިޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ހޯއްދެވުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.

އަދި ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިއްބަވައިގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށްވެސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

ސަރުކާރު ބަންދުގެ މުއްދަތު އިތުރުކުރުމަށް ނިންމަވާފައިވާއިރު، މިއަދު އެކަނިވެސް 95 މީހަކު ވަނީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 396 އަށް އަރައިފަ އެވެ.