English Edition
Dhivehi Edition
މާލޭގައި ކުރިއަށްގެންދިޔަ ކޮވިޑް-19 ޑްރިލެއްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް ނިއުސް

ކޮވިޑް 19 އަށް ޕޮޒިޓިވް ވި 83 އަހަރުގެ މާލެއަށް އުފަން އަންހެނަކު މަރުވެއްޖެ އެވެ.

މިއީ މި ބަލީގައި ރާއްޖެ އިން މަރުވި ފުރަތަމަ މީހާއެވެ. އޭނާ އަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރޭގައި ފާހަގަކުރެވިފައިވާ މީހެއް ކަމަށާއި އޭނާ ކޮވިޑަށް ޓެސްޓްކޮށްފައި ވަނީ މަރުވި ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

މަރުވި މީހާގެ މައުލޫމާތު ހާމަކުރުމަށް އެންއޯއީސީގެ ފަރާތުން ބާއްވާ ޕްރެސްކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިއަދު ކޮވިޑްގައި ފުރަތަމަ ފަހަރަށް މީހަކު ވަނީ ނިޔާވެފައިކަމަށާއި އޭނާގެ ނަމަކީ އައިމިނަތު އާދަމްކަމަށެވެ. އަދި އޭނާ އަކީ ކޭސް 126 އާ ގުޅުން ހުރި ފަރާތެއްކަމަށާއި އޭނާގެ ސާމްޕަލް 28 ވަނަ ދުވަހުގެ ފަތިހު ނަގާފައިވާ ކަމަށެވެ. އަދި ނަތީޖާ ލިބުނު އިރު އޭނާ ވަނީ ނިޔާވެފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“މި ހިތާމައިގައި ބައިވެރިވެ ސަރުކާރުން ތައުޒިޔާ ދަންނަވަން. އޭނާ މިރޭ ހިނެވުމުގެ ކަންކަމުގައި އުޅެނީ ސިފައިންގެ އަންހެން ބޭފުޅުން” އަމީން ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކު މަރުވިއިރު، އިތުރު ދިވެއްސަކު ދަރުމަވަންތަ ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި މިރޭ ފަރުވާދޭން ފަށާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އުމުރުން 80 އަހަރުގެ އެ މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބޭއިރު އެ މީހާ ޕޮޒިޓިވް ވެގެން އައިސީޔޫގައި ފަރުވާ ދޭން ފަށާފައިވާ ކަމަށް އެންއީއޯސީން ބުނެފައި ވަނީ މިދިޔަ ހަފުތާގައެވެ.

މިހާތަނަށް ރާއްޖެއިން 279 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.