English Edition
Dhivehi Edition
11 އޭޕްރީލް 2020 ވަނަ ދުވަހު އެއާޕޯޓުން ކަރަންޓީނު ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި މެރިން ޕޮލިސްގެ އޮފިސަރުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ރާއްޖެއިން އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ބަލި ޖެހުނު ދިވެހިންގެ އަދަދު 104 އަށް އަރައިފި އެވެ.

މިއަދު ޕޮޒިޓިވްވެފައިވަނީ 05 ދިވެހިންނާއި ޕާކިސްތާނުގެ މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 13 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެ ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅެވެ.

މިއާއެކު މުޅި ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 256 އަށް އަރައިފަ އެވެ. ރާއްޖެއިން މިހާތަނަށް ޕޮޒޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން މިހާތަނަށް 115 ބަންގްލަދޭޝް މީހުން ޕޮޒިޓިވްވެފައިވާއިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 104 މީހުންނެވެ. އަދި ރާއްޖެއިން މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ފިރިހެނުންކަންވެސް ފާހަގަކޮށްލެވެއެވެ.

މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އޭޕްރީލް 26 ވަނަ ދުވަހު އެވެ. އެދުވަހު ޖުމްލަ 73 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 17 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މާރިޗު 07 ގައި ނަމަވެސް، މާލެ ސަރަޙައްދުން ކޮވިޑް-19 ފެނުނީ މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. މާލޭގެ އިތުރުން ހއ. އުލިގަމާއި، ށ. ނަރުދޫ އާއި ށ. މިލަންދޫންވެސް ކޮވިޑް-19 ވަނީ ފެނިފައެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، އެޗްޕީއޭ އިން ވަނީ ފުރަބަންދުގެ މުއްދަތު އިތުރު 14 ދުވަހަށް ދަމަހައްޓަން މިއަދު ނިންމައިފަ އެވެ.