English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މި އަންނަ މަހު ޗުއްޓީ ނުލިބޭ ގޮތަށް ފުރަތަމަ ދައުރުގެ ޖަލްސާތައް ދިގު ދަންމާލުމަށްޓަކައި ވޯޓަށް އެހުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިވަގުތު ތިބީ ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި މިއީ މަޖިލިސް ބަންދުކޮށްފައި ބޭއްވުން ބުއްދިވެރި ވަގުތެއް ނޫން ކަމަށެވެ.

ސަރުކާރަށް ބޭނުންވާ އެތައް ކަމެއް މަޖިލިހުން ކުރަމުންދާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިއީ މަޖިލީހުގެ މެމްބަރުންވެސް ‘އޮންކޯލް’ގައި ތިބުން ބުއްދިވެރިކަމަށެވެ. “ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ހިންގާ ކަންކަން ބަލައި، ޖަވާބުދާރީ ކުރެވާ، ރައްޔިތުންނަށް އެކަންކަން ސާފުކޮށް ދިނުމަށް މަޖިލިހުގެ ދައުރު ވަރަށް ބޮޑު. ކުރަން ޖެހިފައިވާ ހަރަދުތައް ބޭކާރު ގޮތުގައި ކުރެވިގެންދާން އެއްވެސް މެމްބަރަކު ބޭނުން ނުވާނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ފަރާތުން އެކިއެކި މުއައްސަސާތަކަށް ދެވެން އޮންނަ އިރުޝާދު ދިނުމާއި ކަންކަން ހިނގަމުންދާ ގޮތް ބަލުމަކީ ބޭނުންތެރި ކަމެއްކަމަށެވެ. އެހެންކަމުން މިހުރިހާ ކަމަކާއި ގުޅިގެން ރިޔާސަތުން ހުށަހަޅާ ކަމެއްގެ ގޮތުގައި ނަޝީދުވަނީ ފުރަތަމަ ދައުރު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރުމަށް ހުށަހަޅާފައެވެ.އަދި އެކަމާ ގުޅޭ ގޮތުން މިއަދު ވޯޓަށް އެހުމަށް ނިންމާފައިވާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މަޖިލިހުގެ ޤަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން އެޕްރީލްމަހުގެ ނިޔަލަށެވެ.މެމްބަރުންނަށް މެއި މަހު ޗުއްޓީއަށް ވަޑައިގަންނަވާ ގޮތަށް ގަވައިދު ތަންދޭ އިރު، ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށަން ޤަވައިދުގައި ވަނީ ޖޫން މަހުގެ ތެރޭގައެވެ.