English Edition
Dhivehi Edition
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އިމަރޖެންސީ ޑްރިލެއްގެ ތެރެއިން - ފޮޓޯ: އަޙްމަދު އަވްޝަން އިލްޔާސް (މިހާރު)

ރާއްޖެއިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިރޭ ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝްގެ 29 މީހުންނާއި، ހަ ދިވެހިންގެ އިތުރުން އިންޑިއާގެ މީހެކެވެ. މީގެތެރެއިން 30 މީހުންނަކީ ތިން ގޭބިސީއަކުން ޕޮޒިޓިވްވި މީހުން ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

އިއްޔެވެސް 13 މީހަކު ވަނީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ ނުވަ ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

 

މިއަދަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ދުވަސް ކަމަށްވާއިރު، މިއާއެކު މުޅި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 177 އަށް އަރައިފަ އެވެ. ހުކުރު ދުވަހުވެސް ރާއްޖެއިން 18 މީހުން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ 14 ދިވެހިންނާއި، ބަންގްލަދޭޝްގެ ދެ މީހުންނާއި އިންޑިއާ މީހަކާއި ސްރީ ލަންކާގެ މީހެކެވެ.

މީގެ ކުރިން ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެގޮތުން އެދުވަހު އެކަނިވެސް 23 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 19 ބަންގްލަދޭޝް މީހުންނާއި 4 ދިވެހިންނެވެ.

ކޮވިޑް-19 އަށް މި މަހުގެ 15 ގައި ފުރަތަމަ ފަހަރަށް މާލެ އިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، އެ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ވަނީ ފުރަބަންދުކޮށްފަ އެވެ.