ރާއްޖެއިން އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 03 ދިވެހިންނާއި 04 ބިދޭސީއަކު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފަ އެވެ.
އެޗްޕީއޭ އިން ބުނީ މިހާރު އެ އެންމެންވެސް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއަދު މީގެ ކުރިންވެސް މާލެއިން 06 ދިވެހިންނާއި ބަންގްލަދޭޝަށް ނިސްބަތްވާ 02 ބިދޭސީއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެމީހުންވެސް އެކަހެރިކުރުމުގެ މަސައްކަތް އެޗްޕީއޭ އިން ދަނީ ކުރަމުންނެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ މިއަދު މާލެއިން ޕޮޒިޓިވްވި ޕޭޝަންޓް 59 އަދި ޕޭޝަންޓް 60 އަކީ އިހުސާން ފިހާރައިގެ ދެ މުވައްޒަފުން ކަމަށާއި، އެމީހުންނާއި ބައްދަލުވި މީހުން ފާހަގަކުރަމުންދާ ކަމަށެވެ. އަދި އިހުސާން ފިހާރައށް ދިޔަ މީހުންގެ މަޢުލޫމާތު ހޯދަން ބޭނުންވާނަމަ، އެކަން އެޗްޕީއޭ އިން އިޢުލާންކުރާނެ ކަމަށެވެ.
މީގެ އިތުރުން މިއަދު ޕޮޒިޓިވްވި ޕޭޝަންޓް 53 އަކީ ބީއެމްއެޗްގައި ޑެލިވަރީގައި އުޅެ ދިވެއްސެއް ކަމަށާއި، ޕޭޝަންޓް 54 އަކީ ދިވެހި ވިއުގައި މަސައްކަތް ކުރާ މީހެކެވެ. އަދި އެ ދެ މީހުންނަކީވެސް ފްލޫ ކުލިނިކަށް ދިޔަ ދެ މީހުންނެވެ.
އަދި ޕޭޝަންޓް 55 އަކީ ޕޭޝަންޓް 29 އާއި ގުޅުން ހުރި މީހެއް ކަމަށްވާއިރު، ޕޭޝަންޓް 56 އަކީ ޕޭޝަންޓް 34 އާއި ގުޅުންހުރި ދިވެއްސެކެވެ. އަދި ޕޭޝަންޓް 57 އަކީ ޕޭޝަންޓް 27 އާއި ސީދާ ބައްދަލުވި ދިވެއްސެކެވެ. މި ތިން މީހުންވެސް ޕޮޒިޓިވްވެފައިވާ އައިސޮލޭޝަން ފެސިލިޓީގަ އެވެ.
މިއަދު ޕޮޒިޓިވްވި ޕޭޝަންޓް 58 އަކީ ފުލޫ ކުލިނިކަށް ދިޔަ މީހެއް ކަމަށްވާއިރު، އޭނާގެ ކޮންޓެކްޓް ޓްރޭސިންގެގެ މަސައްކަތް އެޗްޕީއޭ އިން ދަނީ މިހާރު ކުރަމުންނެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 67 އަށް އަރައިފަ އެވެ. މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވެފައި ވަނީ 16 މީހުންނެވެ.