ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ރާއްޖެއިން އަނެއްކާވެސް އިތުރު ދެ ދިވެއްސަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ހާމަކުރި ގޮތުގައި މާލެއިން ތިންވަނައަށް ޕޮޒިޓިވްވި މީހާ އާއި ސީދާ ބައްދަލުވި ދެ މީހެއްގެ ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަދި އެ ދެ މީހުންވެސް ތިބީ ކަރަންޓީނުކޮށްފައި ކަމަށާއި، ނަމަވެސް މިހާރުން އެމީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
މިއާއެކު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 05 އަށް އަރައިފަ އެވެ. އަދި މުޅި ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 25 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ޖުމްލަ 10 ދިވެހިން ހިމެނެއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހުކުރު ދުވަހުގެ 18:00 އިން ފެށިގެން މުޅި ރާއްޖެ ފުރަބަންދުކުރުމަށް ނިންމައިފަ އެވެ. އެގޮތުން އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ބުނެފައި ވަނީ މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގައި ހުރިހާ ރަށެއްގައިވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކުރާ ކަމަށެވެ.
އެހެންނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ފޯރުކޮށްދެމުންދާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭގެ އެންގުމުގައި އިތުރަށް އަންގާފައިވަނީ ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓައިލުމަށާއި، ވަކިން ޚާއްސަކޮށް ޕާޓީތަކާއި ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދެތުރުދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރު ކުޅުމާއި، އިޖުތިމާޢީ އެނޫން ޙަރަކާތްތައް ބޭއްވުންވެސް ހުއްޓައިލުމަށެވެ.
މީގެ އިތުރުން ބަލިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝަދުތަކާ އެއްގޮތަށް ހުރިހާ ވަގުތެއްގައިވެސް ޢަމަލުކުރުމާއި، ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުކުރަން ބެހެއްޓުމަށް ވަނީ އަންގައިފަ އެވެ. އަދި ވޭތުވެދިޔަ ތަނުގައި މާލެއިންނާއި ރިސޯޓްތަކުންނާއި ސަފާރީތަކުން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް އެޗްޕީއޭ އަށް އެންގުމަށްވެސް ވަނީ އަންގައިފަ އެވެ.
މުޅި ރާއްޖެ ފުރަބަންދުކުރުމަށް ނިންމާފައިވާއިރު، ބުދަ ދުވަހު މާލެ ސިޓީން ކޮވިޑް-19 ފެނުމާއި ގުޅިގެން މާލެ ވެސް ވަނީ ބުދަ ދުވަހުގެ 15:30 އިން ފެށިގެން ފުރަބަންދުކޮށްފަ އެވެ. އަދި މާލެއިން ޕޮޒިޓިވްވި މީހުންނާއި ސީދާ ކޮންޓެކްޓްވި މީހުން ޓެސްޓްކުރުމަށް މިހާތަނަށް ޖުމްލަ 22 ގެއެއް އެކަހެރިކޮށްފައިވާއިރު، މާލެއިން ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާ އާއި އޭނާގެ ދަރިފުޅާ ސީދާ ކޮންޓެކްޓްވި މީހުންގެ އަދަދު ވަނީ 207 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ހައި ރިސްކް ކޮންޓެކްޓްކްސްގެ ގޮތުގައި 75 މީހުން ފާހަގަކުރެވިފައިވާއިރު، 43 މީޑިއަމް ރިސްކް އަދި 89 މީހުން ލޯ ރިސްކް ކޮންޓެކްޓުންގެ ގޮތުގައި ވަނީ ދެނެގަނެވިފަ އެވެ.