English Edition
Dhivehi Edition
11 އޭޕްރީލް 2020 ވަނަ ދުވަހު އެއާޕޯޓުން ކަރަންޓީނު ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި މެރިން ޕޮލިސްގެ އޮފިސަރުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

މުޅި ރާއްޖެ ފުރަބަންދުކުރުމަށް ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އެންގުމެއްގައި ބުނެފައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގައި ހުރިހާ ރަށެއްގައިވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކުރާ ކަމަށެވެ.

އެހެންނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ފޯރުކޮށްދެމުންދާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭގެ އެންގުމުގައި އިތުރަށް އަންގާފައިވަނީ ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓައިލުމަށާއި، ވަކިން ޚާއްސަކޮށް ޕާޓީތަކާއި ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދެތުރުދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރު ކުޅުމާއި، އިޖުތިމާޢީ އެނޫން ޙަރަކާތްތައް ބޭއްވުންވެސް ހުއްޓައިލުމަށެވެ.

މީގެ އިތުރުން ބަލިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝަދުތަކާ އެއްގޮތަށް ހުރިހާ ވަގުތެއްގައިވެސް ޢަމަލުކުރުމާއި، ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުކުރަން ބެހެއްޓުމަށް ވަނީ އަންގައިފަ އެވެ. އަދި ވޭތުވެދިޔަ ތަނުގައި މާލެއިންނާއި ރިސޯޓްތަކުންނާއި ސަފާރީތަކުން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް އެޗްޕީއޭ އަށް އެންގުމަށްވެސް ވަނީ އަންގައިފަ އެވެ.

އެޗްޕީއޭގެ މި އެންގުމަށް ޢަމަލުކުރަން ފަށާނީ އޭޕްރީލް 17 ވަނަ ދުވަހުގެ 18:00 އިން ފެށިގެންނެވެ.

މުޅި ރާއްޖެ ފުރަބަންދުކުރުމަށް ނިންމާފައިވާއިރު، ބުދަ ދުވަހު މާލެ ސިޓީން ތިން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެކަމާއި ގުޅިގެން މާލެ ވެސް ވަނީ ބުދަ ދުވަހުގެ 15:30 އިން ފެށިގެން ފުރަބަންދުކޮށްފަ އެވެ. އަދި މާލެއިން ޕޮޒިޓިވްވި މީހުންނާއި ސީދާ ކޮންޓެކްޓްވި މީހުން ޓެސްޓްކުރުމަށް މިހާތަނަށް ޖުމްލަ 22 ގެއެއް އެކަހެރިކޮށްފައިވާއިރު، މާލެއިން ފުރަތަމަ ޕޮޒިޓިވްވި އަންހެން މީހާ އާއި އޭނާގެ ދަރިފުޅާ ސީދާ ކޮންޓެކްޓްވި މީހުންގެ އަދަދު ވަނީ 207 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ހައި ރިސްކް ކޮންޓެކްޓްކްސްގެ ގޮތުގައި 75 މީހުން ފާހަގަކުރެވިފައިވާއިރު، 43 މީޑިއަމް ރިސްކް އަދި 89 މީހުން ލޯ ރިސްކް ކޮންޓެކްޓުންގެ ގޮތުގައި ވަނީ ދެނެގަނެވިފަ އެވެ.