ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ބައެއް ޚިދުމަތްތައް މެދުކަނޑާލައިފި އެވެ.
އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވެފައިވުމާއި ގުޅިގެން 16 އޭޕްރީލް 2020 އަދި 18 އޭޕްރީލް 2020 ގައި އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ ކަމަށެވެ.
ނަމަވެސް އައިޕީޑީ އަދި އިމަރޖެންސީ ޚިދުމަތްތއް އެހެނިހެން ދުވަހެކޭވެސް އެއްފަދައިން ކުރިއަށްދާނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި 19 އޭޕްރީލް ވަނަ ދުވަހުން ފެށިގެން ޢަމަލުކުރާނެ ވަކި ގޮތެއް އަންނަ ހޮނިހިތު ދުވަހު އަންގާނެ ކަމަށްވެސް އައިޖީއެމްއެޗް އިން ބުނެއެވެ.
އައިޖީއެމްއެޗް އިން މިހެން ބުނިއިރު، މާލެ އިން މިހާތަނަށް ދެ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި އެއާއެކު މުޅި ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 22 އަށް އަރައިފަ އެވެ. އެކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ގްރޭޓަރ މާލެ ސަރަޙައްދު ފުރަބަންދުކޮށްފަ އެވެ.