English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ނިއުސް ކަރްނާޓަކާ

ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން ހަތަރު އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނީ ނޯތު ޕޮލިސް ޑިވިޝަން (ނ. ރ. ބ. ޅ ހިމެނޭ ޑިވިޝަން)ގެ ރަށެއްގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އޭޕްރީލް 15 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާއަކީ އެ ސަރވިސް އިން ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށާއި، އެފަދަ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ހާދިސާ ހިނގި އަތޮޅާއި ރަށް ހާމަނުކުރާ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ އިތުރު ވެފައިވާއިރު، ބިދޭސީން ކުޑަކުދިންނަށް އެކިވަރުގެ ޖިންސީ ގޯނާ ކުރާ މައްސަލަތައް ރިޕޯޓްކުރާ މިންވަރުވެސް ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން ރާއްޖޭގެ ދެކުނުގެ ރަށެއްގައި 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 18 އަހަރުގެ ފިރިހެނަކުވެސް ވަނީ މިމަހުގެ 09 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ.