English Edition
Dhivehi Edition

ހެލްތު ޕްރޮޓެކްޝަން އެޖޭންސީ އާއި ޑަބްލިއު.އެޗް.އޯ ގުޅިގެން، ގައިން ގަޔަށް ނާރާ ބަލިތަކާ ބެހޭގޮތުން އައްޑޫ ސިޓީގެ ސިއްޙީ ދާއިރާގެ އެކި ފަންތިތަކުގެ މީހުންނަށް މައުލޫމާތު ދިނުމުގެ ވޯކްޝޮޕެއް ފަށައިފިއެވެ.

މިއަދު ހެނދުނު އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ފެށި މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވަވާނީ އެޗް.ޕީ.އޭ އާއި ޑަބްލިއު.އެޗް.އޯ އިންނެވެ. މިއީ ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

މިވޯކްޝޮޕްގެ މައިގަންޑު މަޤްސަދަކީ ގައިންގައިން ނާރަބަލިތަކުގެ ހިރާސްތައް (ރިސްކް) ދުރާލާ ދެނެގަނެ އެއަށް ފަރުވާ ކުރުމުގައި ޑަބްލިއު.އެޗް.އޯ އިން ތައާރަފް ކޮއްފައިވާ ‘ޕެން ޕެކޭޖް’ ރާއްޖެއާއި ގުޅޭގޮތަށް ފަރުމާކޮށް، އެ ޕޭކޭޖާއި ގުޅޭގޮތުން ސިއްޙީ ހިދުމަތްތެރިންނަށް މައުލޫމާތު ދިނުމެވެ. އަދި އެބަލިތަކުގައި ފަރުވާދިނުމުގައި މިވަގުތަށް އެންމެ ރަނގަޅު ގޮތްތައް ދަސްކޮއްދެވޭނެއެވެ.

މި ޕެކޭޖުގައި މައިގަނޑު ގޮތެއްގައި ބަލާލައިފައިވަނީ ހަކުރު ބައްޔަށާއި، ހިތުގެ ބަލިތަކަށާއި ފުއްޕާމޭގެ ބަލިތަކުގެ އިތުރުން ކެންސަރު ބައްޔަށެވެ. މި ބަލި ތަކަކީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ އަދި ގައިންގަޔަށް ނާރާ ބަލިތައް ކަމުގައި ވީނަމަވެސް މިއީ ދިރިއުޅުމެގެ ވައްޓަފާޅިއާއި ގުޅުން ހުރި އަދި ރާއްޖޭގައި އިތުރުވަމުން އަންނަ ބަލިތަކެއް ކަމަށް އެޗް.ޕީ.އޭއިން ވަނީ ފާހަގަ ކޮއްފައެވެ.

މި ވޯކްޝޮޕްގައި އައްޑޫ ސިޓީގެ ސިއްޙީ ހިދުމަތް ފޯރު ކޮއްދޭ އެކި ތަންތަނުން 20 ފަރާތެއްވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމުގެ އައްޑޫ ސިޓީގެ ސިއްޙީ މުއައްސާސާތަކާއި އަމިއްލަ ކްލިނިކްތަކުންވެސް ބައިވެރިވެއެވެ.