ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެ އިން އެޅި ފިޔަވަޅުތަކާ އެކީގައި ވެސް ގާތްގަނޑަކަށް 2000 މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ކޮމިޓީތަކުގެ މުގައްރިރުންނާ އެކީގައި މަޖިލިހުގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހެދި އެޕިޑޮމޮލޮޖިކަލް ސާވޭއިން ދައްކާގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް ރާއްޖޭގެ 2000 މީހުންނަށް މި ބަލިޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި ސައިންސުން ފެންނަން އޮތް ހަގީގަތަށް ބަލާއިރު ނުރައްކާތެރި ހާލަތަށް 5-10 ޕަސަންޓު މީހުން ދާނެ ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.
އިތުރަށް ނަޝީދު ވިދާޅުވީ ފިޔަވަޅުތައް ނާޅައިފި ނަމަ 80 ދުވަހުގެ ތެރޭގައި މި ބައްޔަށް ޕޮޒިޓިވް ވެފައިވާ 8،000އެއްހާ މީހުން ތިބޭނެ ކަމަށާއި ފިޔަވަޅުތައް އެޅިޔަސް، ހަމަ އެ އަދަދަށް 210 ދުވަހުގެ ތެރޭގައި ޕޮޒިޓިވް ވެދާނެ ކަމަށެވެ.
މީގެއިތުރުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ނުފެތުރޭނެ ކަމުގެ ޔަގީންކަން އެޗްޕީއޭ އިން އެމަނިކުފާނަށް ދެއްވާފައިވާ ކަމަށާއި ރާއްޖެ އިން ބޭރުން އަންނަ މީހުން ވަކިކުރުމާއި އެމީހުންނާ ބައްދަލުވާ މީހުން ހޯދި ޓެސްޓް ކުރަމުންދާތީ އިންފެކްޝަން ރޭޓް ވަރަށް ކުޑަވެފައިވާ ކަމަށެވެ. “ސަރުކާރުން ފިޔަވަޅުތައް ނޭޅި ނަމަ، އެޗްޕީއޭ ދެކޭ ގޮތުގައި 50 ދުވަހުގެ ތެރޭގައި 8000 މީހުންނަށް ރޯގާ ޖެހުނީސް.” ނަޝީދު ވިދާޅުވިއެވެ. އިތުރަށް ނަޝީދު ވިދާޅުވީ 210 ދުވަހުގެ ތެރޭގައި ރާއްޖެ އާންމު ހާލަތަށް ދާނެކަމަށް ލަފާކުރެވޭ ކަމަށެވެ.