English Edition
Dhivehi Edition

ލިޔުނީ: މުޙައްމަދު ހިޒްޔަމް ހާމިދު ޝަމްސުއްދީން ސްކޫލް/

ކުޅިވަރަކީ ކުދިން ވަރަށްވެސް ޖޯޝާއި ފޯރީއާއި އެކު ކުޅޭ އެއްޗެކެވެ. ޚާއްސަކޮށް ފިރިހެން ކުދިންނަށް ފުޓުބޯޅައަކީ އެކުދިންގެ ޖާނާއި މާލެވެ. ފުޓުބޯޅަ މެޗަކުން މޮޅުވެއްޖެ ނަމަ ހުރިހައި ކުދިންވެސް އެ އުފަލުގައި ބައިވެރިވެ، އެ ކުދިންނަށް އައު ހިތްވަރެއް ދެއެވެ. އެހެނީ އެ އައު ހިތްވަރުގެ ސަބަބުން އެ ކުދީންނަށް ދެން ކުޅޭ މެޗެއްގައި މޮޅުވުމަށް އައު ޢަޒުމަކާއި އުންމީދެއް ލިބިދޭތީއެވެ.

ފުޓުބޯޅައަކީ މޮޅާއި ބަލި އޮންނަ އެެއްޗެއްކަން އަބަދުވެސް ހަނދާން ބަހައްޓަން ޖެހެއެވެ. މުބާރާތުގައި ރަނގަޅު ކުޅުމެއް ކުޅެމުން އައިސް، އެންމެ މެޗެއްގައި ދެރައާއި ކުރިމަތި ލާން ޖެހިއްޖެނަމަ، އެ ކުދިންނަށް އެއީ ޤަބޫލުކުރަން އުނދަގޫ ހަޤީޤަތަކަށްވެއެވެ.

ކޮންމެޔަކަސް ހަނދާން ބަހައްޓަން ޖެހޭ އެއް ކަމަކީ، އެ ކުޅޭ މެޗަކުން ބަލިވެއްޖެނަމަ، އެ ބަލި ޤަބޫލުކުރަން ޖެހޭނެކަމެވެ. އެއީ ތިމާމެންނަށް ހެދުނު ގޯހެއްކަމަށް ޤަބޫލުކުރަން ޖެހެއެވެ. ނަމަވެސް، އަބަދު އެ ގޯސް ހަނދާންކޮށްގެން، އައު ޢަޒުމަކާއި އެކު މަސައްކަތް ނުކުރާނަމަ، އެއީ ހެދޭނެ އެންމެ ބޮޑު ގޯހެވެ.

މެޗުން ބަލިވާއިރަށް، ޓީމުގެ އެންމެން އެއްތަންވެ، ދެން މެޗެއްގައި ކުޅުން ރަނގަޅު ކުރާނެ ގޮތާއި މެދު ވިސްނުމަކީ ކުޅިވަރުގައި އެންމެ އެދެވޭ ކަމެވެ. އެ ބަލިވުމަކީ ތިމާމެންގެ ދެރަ ކަމުން، ނޫނީ ވަކި ކުޅުންތެރިއެއްގެ މިސްޓޭކަކުން ކަމަށް ޤަބޫލުކޮށްގެން ތިބޭކަށް ނުޖެހެވެ. އޭގެ ބަދަލުގައި، ދެން މެޗެއްގައި އައު އުންމީދަކާއި، އައު ޢަޒުމަކާއި އެކު މަސައްކަތްކުރުމަކީ، ޓީމް ވޯކުގެ އެންމެ މުހިންމު އެއް ތަނބެވެ.

ތިމާގެ އުންމީދާއި ޢަޒުމް އައު ކުރަން ބޭނުންނަމަ، ކޯޗާއި، ޓީމުގެ އިސްވެރިންގެ އަމުރަށް ތަބާވެ، ކުޅުން ރަނގަޅު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަން ޖެހެެއެވެ. ބައްޔަކީ ހަމައެކަނި ތިމާއާއި ކުރިމަތި ވާ އެއްޗެއްކަން ޤަބޫލުކުރާކަށް ނުޖެހޭނެއެވެ. މިހެން މިކަން ކުރިއަށް ދާކަން ޤަބޫލު ކުރަންޏާ، އެ ލިބެނީ އައު އުންމީދެކެވެ.

ތިމާގެ ގެއްލިފައިވާ އުންމީދާއި ޢަޒުމު އަލުން ހޯދަން ބޭނުންވަންޏާ، ޓީމު ވޯކު ރަނގަޅުކޮށް، ދެން އޮތް މެޗެއްގައި ކުރިއަށްވުރެވެސް ރަނގަޅު، އަދި ރީތި ކުޅުމެއް ދެއްކޭތޯ މަސައްކަތްކުރާށެވެ. ދެންވެސް ވާނީ ބައްޔޭ، ދެނަކު ކަމެއް ނުވާނޭ ކިޔާނެ ކަމެއް ނެތެވެ. އެއީ ހައްތަހާވެސް ތިމާގެ އުންމީދު ނަގައިލާނެ ކަންކަމެވެ.

ނެޕޯލިއަން ހިލް ވިދާޅުވި ޢިބުރަތްތެރި ބަސްކޮޅަކަށް ބަލައިލަމާ ހެއްޔެވެ. ” ކަރަންޓު ބޮކި އުފެއްދުމުގެ ކުރިން އެޑިސަންއަށް 10،000 ފަހަރު ނާކާމިޔާބީ ކުރިމަތި ވިއެވެ. މަދު ފަހަރެއްގައި ބަލިވެއްޖެނަމަ، އުންމީދު ކަނޑައިނުލާށެވެ.

ނެޕޯލިއަންގެ މި ބަސްކޮޅާއި މެދު، ކުޑަކޮށް ނަމަވެސް ވިސްނާށެވެ. ކުރިއަށް އޮތް މެޗުތަކުގައި ރަނގަޅަށް ކުޅެން މަސައްކަތް ކުރާށެވެ. ﷲއަށް ދުޢާ ދަންނަވާ، ޛިކުރުކޮށް، ފަރުޟު ފަސް ނަމާދު ގަޑިން ގަޑިއަށް އަދާކޮށް، މޮޅު ވާނެހެން ދުޢާ ކުރާށެވެ. ރަނގަޅު ޑިސިޕްލިންއެއްގައި ހިފައި، އޭގެ މަތީގައި ދެމި ހުންނާށެވެ. އޭރުން ތިމާއާއި އެންމެ ގާތުގައި އޮތީ ކާމިޔާބީ އެވެ.