ކޮވިޑް-19 ރޯގާއާ ގުޅިގެން ސަރުކާރު ބަންދުކުރެވިފައިވާ ދުވަސްތަކުގައި ހައި ކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިއަށް ގެންދިއުމުގައި އިދާރީ ގޮތުން ޢަމަލުކުރާނެ ގޮތް ކަނޑައެޅުމާބެހޭ އުޞޫލެއް އެ ކޯޓުން އާންމުކޮށްފި އެވެ.
ހައި ކޯޓުން ޢާންމު ކުރި އުޞޫލުގައި މިމުއްދަތުގައި އިސްތިއުނާފު ކުރުމަށް ކޯޓަށް ހުށަހަޅާ މައްސަލަތައް ހުށަހަޅާނެ ގޮތާއި ފޮނުވަން ބޭނުން އެކިއެކި ލިޔުންތައް ހުށަހަޅާނެގޮތާއި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ގުޅޭނެ ނަމްބަރުތައް ބަޔާންކޮށްފައިވެއެވެ. އަދި، މައްސަލައިގެ ރަޖިސްޓްރޭޝަން ފީ ދެއްކުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު 198-P/2020/85 (18 މާރިޗް 2020) އިޢުލާނުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ނަންބަރު 7711 431506 001 އެކައުންޓަށް ފައިސާ ޓްރާންސްފަރކޮށް މަޢުލޫމާތު [email protected] އަށް ފައިސާދެއްކި ސްލިޕް ނުވަތަ އޭގެ ސްކްރީން ޝޮޓް އީމެއިލް ކުރެއްވުމަށް އުޞޫލުގައިވެއެވެ.
މީގެ އިތުރުން ހައި ކޯޓުން ބުނީ އެ ކޯޓުން ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި އަމުރުތައް އިލެކްޓްރޯނިކް ވަޞީލަތްތައް މެދުވެރިކޮށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޝަރީޢަތަށް މީހުން ވެއްދުމާއި ނެރުމުގައި އަދި ޝަރީޢަތުގެ މަޖިލީހުގައި، ޢާންމު ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން ދީފައިވާ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެމަތީން ޢަމަލު ކުރެވޭނެކަމަށާއި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދަން އެދޭ ފަރާތްތަކުން، އެކަމަށް ހާއްޞަކުރެވިފައިވާ ފޯމު ފުރިހަމަކޮށް [email protected] މެއިލް އެޑްރެހަށް މެއިލް ކުރެއްވުމުން އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.
އަދި، އީމެއިލްއިން މުޢާމަލާތް ނުކުރެވޭ ފަރާތްތަކުން އެކިކަންކަމުގައި ކޯޓަށް ލިއުން ހުށަހެޅުއްވުމަށް ކޮންމެ ހަފްތާއަކު ހޯމަ ދުވަހު 10.00 13.00 ށް ހައިކޯޓާއި އަދި ހައިކޯޓުގެ އުތުރު އަދި ހައިކޯޓު ދެކުނުގޮފި ހުޅުވިފައި ހުންނާނެކަމަށާއި އެގަޑިތަކުގައި ކުށުގެ ރިކޯޑްފޯމް ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށްފަހު ވަގުތުން ދޫކުރެވޭނެކަމަށާއި އެހެނިހެން ދުވަސްތަކުގައި ފޯމު ހުށަހަޅަންބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލްކުރުމުން އީމެއިލް ފޮނުވާފައިވާ އީމެއިލްއަށް ޖަވާބު ފޮނުވޭނެކަމަށްވެސް އުޞޫލުގައިވެއެވެ.
އަދި، ކޮވިޑް-19 އާއި ގުޅިގެން މާރިޗު 19 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދުކުރެވިފައިވީ ނަމަވެސް މިދުވަސްތަކުގައި އޮންލައިންކޮށް މައްސަލަ ހުށަހެޅޭގޮތަށް ޢާއްމުކޮށް އެންގިފައިވާތީ، ޢާއްމު އުޞޫލާ އެއްގޮތްވާގޮތުގެ މަތިން އިސްތިއުނާފީ މުއްދަތު ގުނެމުންދާނެކަމަށްވެސް އުޞޫލުގައިވެއެވެ. މިމުއްދަތުގައި 9 މައްސަލަ އޮންލައިން ހުށަހެޅިފައިވެއެވެ.
އެގޮތުން، ކޮވިޑް-19 ރޯގާއާ ގުޅިގެން ޤައުމުގެ ޙާލަތަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލަށް ބަދަލު ގެނެވޭނެ ކަމަށް ނިންމަވާފައިވާ ކަމަށްވެސް ހައި ކޯޓުން ބުނެއެވެ.