ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ އެހީ އާއި އެއްބާރުލުން ދޭން ޗައިނާއިން ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ފޯނުން ގުޅުއްވައި ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ދެއްކެވި ވާހަކައިގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު ކަމަށެވެ. އަދި ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްކޮށް މި ބަލިމަޑުކަމުން އަރައިގަނެވޭނެކަމަށާއި ރާއްޖެއިން ޗައިނާ އާ މެދު މި މައްސަލައިގައި ބާއްވާ އިތުބާރާއި ދެކޭ ގޮތަށް ޝުކުރު އަދާކުރާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވާންގް ޔީ ވިދާޅުވީ ޗައިނާ އިން ކުރި ބުރަ މަސައްކަތުން ކޮވިޑް-19 އަށް ތައްޔާރުވާން އެހެން ގައުމުތަކަށް ފުރުސަތު ލިބުނު ކަމަށާއި ޗައިނާގެ ތަޖުރިބާގެ އަލީގައި މުޅި ދުނިޔެއަށް އެހީތެރިކަން ލިބޭނެކަމަށެވެ. އަދި ޗައިނާ ދަށްކޮށްލުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވާންގް ޔީ ވިދާޅުވީ ޗައިނާއިން އަބަދުވެސް ޗައިނާ ރައްޔިތުންގެ ސިއްހަތާއި ސަލާމަތްތެރި ކަމަށް އަހަންމިއްޔަތުކަން ދޭ ކަމަށެވެ
ބައިނަލްއަގުވާމީ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވާ މިނިސްޓްރު ވާންގް ޔީ ވިދާޅުވީ ޗައިނާއިން މިހާރުވެސް ވަގުތުން ވަގުތަށް ބޭނުންވާ ސިއްހީ ވަސީލަތްތައް ފޯރުކޮށްދެމުންދާ ކަމަށާއި މިހާތަނަށް 120 ގައުމަކަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދީފައިވާނެކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދާއި ފޮރިން މިނިސްޓަރު ވާންގް ޔީ ގެ ފޯނު ކޯލުގައި، ދެ ބޭފުޅުން ވަނީ ކޮރޯނާ ކޮންޓްރޯލު ކުރުމަށް ދެ ގައުމުން ކުރި މަސައްކަތުގެ ތަޖުރިބާ ހިއްސާ ކުރައްވައިފައެވެ.