English Edition
Dhivehi Edition

ކުށެއްނެއް އެތައްބަޔަކު މިދުނިޔެއާއި ވަކިވެގެން ދަނީ އަމިއްލައަށް އޭނާގެ ހަށިގަނޑު ޒަހަމްކޮށްގެންނެވެ. ހަމަ ޔަގީނުންވެސް ހަމަ ބުއްދީގައި ތިބެގެން މިފަދަ ބޮޑު ގެއްލުމެއް އެއްވެސް އިންސާނަކު އަމިއްލައަށް ލިބިނުގަންނާނެއެވެ. ގިނަ މީހުންނަށް ނޭގި ނުވަތަ ގަބޫލުކުރަން ބޭނުން ނުވިނަމަވެސް މިފަދަ ބޮޑެތި ފާފަތަކަށް އަރައި ގަނެވޭނީ ކޮންމެވެސް ނަފްސާނީ މައްސަލައެއް ހުރެގެން ކަން ޔަގީނެވެ.ހިތާމަކުރުމުގެ ބަލި ނުވަތަ ޑިޕްރެޝަން އަކީ ތިމާގެ ދިރިއުޅުމަށް ކަޅުއަދިރި ވިލާގަނޑެއް ބޯމަތި ކުރުވާކަމެކެވެ. ހިތާމަކުރުމުގެ ބައްޔަކީ ތިމާގެ މޫޑު ބަދަލްވެ ހިތާމައާއި ހިއްދަތިކަން އަދި އެއްވެސް ކަމަކަށް ޝައުގުވެރިކަން ނެތުމެވެ.މިކަމުގެ ސަބަބުން ތިމާގެ ވިސްނުމާއި،ހިޔާލާއި،ފިކުރުތަކާއި،އިހުސާސްތަކާއި އަދި އުޅޭއުޅުން ބަދަލު ކޮއްލައެވެ. ހިތާމަކުރުމުގެ ބައްޔަކީ މަޑުމަޑުން އާލާވަމުން އަންނަ ކަމަކަށްވާތީ، އެކަން ކުރިމަތިވެފައިވަނީ ކިހާ މިންވަރަކަށް ފާހަގަނުވުމަކީ ވެދާނެ ގޮތެކެވެ. ވަރަށް އަވަދިނެތި ބުރަކޮށް އުޅެގެން އެކަމުން ސަލާމަތްވާން މަސައްކަތްކުރެވިދާނެ އެވެ. ނަމަވެސް މިކަމުން އިތުރަށް ނުތަނަވަސްވެ، ހަށިގަނޑު ވަރުބަލިވާގޮތް ވެއެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ތަދުތަކާ ރިހުންތައް އުފެދި، ނިދިނައުން ކުރިމަތިވާން ފަށައެވެ. ބައެއް ފަހަރު މިގޮތަށް ހަށިގަނޑުގެ އެކި ހިސާބުތަކުގައި އުފެދޭ ރިހުމާއި، ތަދަކީ ހިތާމަކުރުމުގެ ބަލީގެ ފުރަތަމަ އަލާމާތްކަމަށް ވެސް ވެދާނެ އެވެ. ހިތާމަކުރުމުގެ ބަލި ނުވަތަ ޑިޕްރެޝަން އަކީ ދިވެހިންގެ ތެރޭގައި ވެސް އާންމުވަމުން އަންނަ ނަފްސާނީ ބައްޔެކެވެ. ހިތާމަ ކުރުމުގެ ބައްޔަކީ ދިގުދެމިގެންދާ ކަމަކަށްވެދާނެ އެވެ. ނޫނީ އައިސް، ގޮސްވާ ކަމަކަށް ވެސް ވެދާނެ އެވެ. މިއީ ބައެއް ފަހަރު އޭގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރާ ބައްޔެކެވެ. އާދައިގެ ވަރަކަށް މިބަލި ކުރިމަތިވި ނަމަވެސް ބޭހާއި ނުލައި ހަމައެކަނި ކައުންސެލިންގ ނަގައިގެން ފަރުވާ ކުރެވިދާނެ އެވެ. ނަމަވެސް މެދު މިންވަރަކަށް ނޫނީ މާބޮޑަށް ކުރިމަތިވެއްޖެނަމަ، ބޭހުގެ ފަރުވާ ނެގުމާއެކު ކައުންސެލިންގ ވެސް ނަގަންޖެހޭނެ އެވެ. ހިތާމަކުރުމުގެ ބަލި ދިމާވާ ހަގީގީ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. ނަފުސާނީ އެހެން ބަލިތަކެކޭ އެއްފަދައިން ހިތާމަކުރުމުގެ ބަލި މެދުވެރިވުމަށް ދިމާވެދާނެ ވަރަށް ގިނަ ކަންތައްތައް ހުރެއެވެ. ހިތާމަކުރުމުގެ ބައްޔަކީ ކޮންމެ އުމުރެއްގައި ވެސް ދިމާވެދާނެ ކަމެކެވެ. ފިރިހެނުންނަށްވުރެ އަންހެނުންނަށް ހިތާމަކުރުމުގެ ބަލި ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. މިބަލީގެ އަލާމާތް ތަކުގެ ތެރޭގައި މޮޅިވެރިވުން، ދެރަވެ ރޮވުން،މާޔޫސްވުން،މުސްތަގުބަލްގެ މުހިއްމުކަން ކުޑަވުން ބޭކާރުމީހެކޭހީވުން،އެއްވެސްކަމެއް ރަނގަޅަށް ނުވާނޭކަމަށް ގަބޫލްކުރުން،ނަފްސުކުއްވެރިކުރުވުން، ޝައުގުވެރިކަން ކުޑަވުން، ވަރުބަލިވުން، ހަނދާން ބަލިވުން،ނިދުމަށް ބަދަލު އައުން ކާހިތް ކުޑަވުން،އެކަހެރިވުން އަދި މަރުވުމުގެ ހިޔާލްތައް ގިނަވުން ފަދަ ކަންތައް ހިމެނެއެވެ. މިބަލިން އަރައިގަތުމަށްޓަކައި ކިޔާ ތަފާތު ދުޢާތައް ހުރެއެވެ. ދީނީ އިލްމުވެރިއެއްގެ އެހީގައި މިކަންތައްތައް ދެނެގަނެ، ރޫހާނީ ފަރުވާ ހޯދިދާނެ. ނަމާދާއި ދުޢާއިން ރައްކާތެރިކަން ހޯދުން މުހިންމެވެ. އަބަދުވެސް މުޞީބާތެއް ދިމާވެދާނެކަމަށް ވިސްނުމާ އަދި ދިމާވެދާނެ މުޞީބާތަކަށް ތައްޔާރުވެ ހުރުން. ތިބާ ލޯބިވާ މީހަކު ގެއްލިދާނެކަމަށާ، ތިބާއަށް މުދަލުގެ ދަތިކަން ކުރިމަތިވެދާނެކަމަށާއި އަދި ދުޝްމަނެއްގެ ފަރާތުން ލިބިދާނެ ގެއްލުމަކަށް ނުވަތަ މިނޫންވެސް ތިބާއަށް ހިތާމައެއް ކުރިމަތި ކުރުވައިފާނެ ކަމަކަށް ތައްޔާރުވެ ހުރެއްޖަނަމަ އަދި އެކަމުން ލިބިދާނެ ގެއްލުމަކަށް ވިސްނައި ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދިގެން ހުރެއްޖެކަމުގައި ވަނީނަމަ އެކަމުގެ ސަބަބުން ލިބޭނެ ގެއްލުން ކުޑަވާނެއެވެ. ވީހާވެސް އަވަހަކަށް ޑޮކްޓަރެއްގެ ލަފަޔާ އިރުޝާދު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.