”ބޮޑު ބަދަލު“ ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ ގާނޫނުއަސާސީން ލިބިފައިވާ ހައްގުތައް ގެއްލިޔަ ނުދީ ހިފެހެއްޓުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެމްޑީޕީ އާއި ގުޅިވަޑައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހާމަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ މިހާރު ކުރިއަށްދާ ހަރަކާތްތަކުގައި އެމްޑީޕީގެ މެންބަރުންގެ އިތުރުން އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ މެންބަރުން ވެސް ބައިވެރިވަމުންދާ ކަމަށެވެ.
މި ކެމްޕެއިންގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ މި ކެމްޕެއިނުގެ މައިގަނޑު މަގުސަދަކީ ގާނޫނުއަސާސީގެ ދަށުން ލިބިފައިވާ ކުރިއެރުންތައް ހިފެހެއްޓުން ކަމަށެވެ. އަދި އެ ކުރިއެރުންތަކުގެ މައްޗަށް އިތުރު ބިނާކުރުންތައް ގެނައުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ހުރި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ބޭނުންވާ ތަނަވަސްކަން ހޯދައިދެވެން ޖެހޭނެކަން ފާހަގަކުރައްވަމުން ނަޝީދުވަނީ އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް އެމަނިކުފާނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.