English Edition
Dhivehi Edition

ކޮލަމްބޯ (4 އޭޕްރީލް): ސްރީލަންކާގެ ޖަލުތަކުގައި ތޮއްޖެހުން ކުޑަކުރުމަށްޓަކައި ގިނަ އަދަދެއްގެ ކުށްވެރިން ޖަލުތަކުން މިނިވަންކޮށްފިއެވެ. މިއީ އެގައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ އެންގެވުމަކަށް ނިންމާފައިވާ ނިންމުމެކެވެ.

ރައީސް ގޮތަބަޔަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް ޖަލުން ވަނީ 2961 ގައިދީން މިނިވަންކޮށްފައެވެ. އަދި މި ނިންމުމަކީ ދާދިފަހުން ޖަލަށް ވަޑައިގެން ގައިދީންގެ ހާލަތު ސާފުކުރެއްވުމުން ލިބިވަޑައިގެންނެވި މައުލޫމާތާއި ގައިދީންގެ ވާހަކަތައް އަޑުއެހުމަށް ފަހު ނިންމެވި ކަމެއް ކަމުގައި ގޮތަބަޔާ ވަނީ ވިދާޅުވެފައެވެ.

އިއްޔެ ސްރީލަންކާގެ ޖަލުތަކުން މިނިވަންކުރި މީހުންގެ ތެރޭގައި ހިމެނެނީ ކުދި ކުށްތަކުގައި ޖަލަށް ލާފައިވާ މީހުންގެ ތެރެއިން ބެއިލްއަށް ޝަރުތުހަމަވި ނަމަވެސް އެ ފައިސާ ދެއްކުމަށް ނުކުޅެދިފައިވާ މީހުންނެވެ. މިއެންމެން ވެސް ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއި އެކުގައި ކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ސްރީލަންކާއިން މިހާތަނަށް 166 މީހުންނަށް ކޮވިޑް19 ޖެހިފައިވާއިރު އެބަލީގައި 5 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ދަށުން ލަންކާގެ އެއާޕޯޓްތައް ބަންދުކޮށް ބައެއް ހިސާބުތަކުގައި މަސްވެރިން ވެސް މަހަށް ނިކުތުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި މިހާރު ވަނީ ކާފިއު ހިންގައިފަ އެވެ. އޭގެ ތެރޭގައި ވެރިރަށް ކޮލަމްބޯ އާއި ގަމްޕަހާ އަދި ކަލުތަރަ ޑިސްޑްރިކްޓު ހިމެނެއެވެ.