ނައިޖީރިއާގެ ރައީސް އާލާސްކަންފުޅާ އުޅުއްވާތާ 3 މަސް ދުވަސް ފަހުން އެނބުރި ގައުމަށް ވަޑައިގެންފިއެވެ.
ނައިޖީރިއާގެ މުހައްމަދު ބިޙާރީ 74، ބަލި ހާލަތު ގޯސްވެގެން ގައުމު ދޫކޮށް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިއަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހު ގައެވެ. އަދި އޭގެ ފަހުން އަނބުރާ ގައުމަށް މި ވަޑައިގެންނެވީ 3 މަސް ފަހުންނެވެ. މިދޭތެރޭ ގައުމު ހިންގުމާ ހަވާލު ވެ ވަޑައިގެން ހުންނެވީ ނައީބު ރައީސް، ޔެމީ އޮސިން ބާޖޯއެވެ. މިދޭތެރޭ އެގައުމުގެ ރައީސް އޮފީހުން ދިޔައީ ރައީސްގެ އެކި އެކި މީސް މީހުންނާ ބައްދަލު ކުރާ ތަނުގެ ފޮޓޯތައް އާންމު ކުރަމުންނެވެ.
މިކަމާ ގުޅިގެން އެ ގައުމުގެ ރަައީސަށް ވަރަށް ބޮޑަށް ފާޑު ކިއުން ވަނީ އަމާޒު ވެގެން ގޮސްފައެވެ. ބައެއް މީހުން އޭރު ދިޔައީ ރައީސް އަނބުރާ ގައުމަށް އައުމަށް ނުވަތަ އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ރައީސް ބުޙާރީ އަށް ވަނީ ފުރަގަސް ފަރާތުގެ ކެންސަރު ޖެހިފައި ކަމަށެވެ. ނަމަވެސް އެ ގައުމުގެ ރަސްމީ އިދާރާތަކުން މިކަން ވަނީ ދޮގު ކޮއްފައެވެ.
ނައިޖީރިއާގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައި ވަނީ، ނައިޖީރިއާގެ ރައީސް ބުޙާރީ މިވަގުތު އިސްތިއުފާ ދީފިނަމަ އުތުރުގެ މުސްލިމުންގެ ސަރަހައްދު ތަކުގައި ހަމަނުޖެހުން ތަކެއް އުފެދުން ގާތްކަމަށެވެ. ސަބަބަކީ ކުރިން ރައީސް ކަން ކުރީ ޔަހޫދީ މީހަކަށް ވެފައި ދެން ރައީސް ކަމާ ހަވާލުވާން ހުރި ނައިބު ރައީސް އަކީ ވެސް ޔަހޫދީ މީހަކަށް ވުމުންނެވެ.
ރައީސް ބުޙާރީ ވަނީ އަންނަ ހޯމަ ދުވަހު ގައުމާއި މުޙާތަބު ކުރުމަށް ހަމަ ޖެހިފައެވެ. ނައިޖީރިއާގެ ރައީސްގެ ސިއްހަތަކީ އެގައުމުން ވަރަށް ބޮޑަށް ބަލާ ކަމެކެވެ. ސަބަބަކީ 2010 ވަނަ އަހަރު އޭރުގެ ރައީސް އުމަރު މޫސާ ޔަރުދުއާ ވަނީ ރައީސް ކަމުގައި ހުންނަވަނިކޮށް އާލާސް ކަން ފުޅެއްގައި އަވަހާރަ ވެފައެވެ.