English Edition
Dhivehi Edition

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ބަލިޖެހުނު މީހުންގެ އަދަދު އެއް މިލިއަން 15 ހާހަށް ވުރެ ގިނަވެ އެ ބަލީގައި މަރުވި މީހުންގެ އަދަދު ބައި ލައްކަ އަށް ވުރެ މައްޗަށް އަރައިފި އެވެ.

އެއްވެސް ފަރުވާއެއް އަދި ހޯދިފައި ނުވާ ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 1,015,466 އަށް އަރާފައިވާއިރު މި ބަލީގައި މިހާތަނަށް 53,190 ވަނީ މަރުވެފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބަލިން ރަނގަޅުވެފައި ވަނީ 212,229 މީހުންނެވެ.

ދުނިޔޭގައި ކޮވިޑް-19 ބަލި ޖެހިފައިވާ އެންމެ ގިނަމީހުން މިވަގުތު ތިބީ އެމެރިކާގައެވެ. އަދި އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ ވެސް އެމެރިކާގައެވެ. އެމެރިކާގައި ބަލި ޖެހުނު މީހުންގެ އަދަދު 245,066 އަށް އަރާފައި ވާއިރު، މަރުވި މީހުންގެ އަދަދުވަނީ 6,075 އަށް އަރާފައެވެ. މިހާތަނަށް އެމެރިކާގައި ފަރުވާދީގެން ރަނގަޅުކުރެވިފައިވަނީ 10,403 މީހުންނެވެ.

ކޮވިޑް-19 ބަލި ދުނިޔޭގެ ހުރިހާ ބިތަކަށް ފެތުރެންފަށާފައިވާއިރު، މިކަމުގެ ސަބަބުން ވިޔަފާރިތަކާއި، ސިނާއަތްތައް ހުއްޓި، ގައުމުތަކުގެ އިގްތިސާދަށް ލޮޅުންއަރައި، މުޅި ދުނިޔޭގެ އިގްތިސާދަށްވެސް ނިކަމެތިކަން އައިސް، ދުނިޔޭގެ އެންމެނަށްވެސް މިކަމުގެ އަސަރުކުރާނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާކުރެއެވެ.

އެންމެ ހަލުވިކަމާ އެކު ބަލި ފެތުރޭ ގައުމުތައް

އެމެރިކާ: ޕޮޒިޓިވްވި 245,066 މަރުވި: 6,075

އިޓަލީ: ޕޮޒިޓިވްވި 115،242 މަރުވި: 13،915

ސްޕޭން: ޕޮޒިޓިވްވި 112,065 މަރުވި: 10,348

ޖަރުމަން: ޕޮޒިޓިވްވި 84،794 މަރުވި: 1،107

ޗައިނާ: ޕޮޒިޓިވް: 81,589 މަރުވި: 3,318

ފްރާންސް: ޕޮޒިޓިވްވި 59,105 މަރުވި: 5,387

އީރާން: ޕޮޒިޓިވްވި 50,468 މަރުވި: 3,160

އިނގިރޭސިވިލާތް: ޕޮޒިޓިވްވި 33,718 މަރުވި: 2,921

ސްވިޒްލޭންޑް: ޕޮޒިޓިވްވި 18,827 މަރުވި:536

އިންސާނުގެ މެދުގައި ބަލި ފެތުރެމުންދާ އަވަސްމިނާއި، އަދި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ މައްސަލާގައި އދގެ ސްކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ، މިހާރު ފެތުރެމުންދާ ބަލިމަޑުކަމަކީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން ދުނިޔެ ތަހައްމަލްކުރާނެ އެންމެ ގެއްލުންބޮޑު ކާރިސާއަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.