English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ކަސްޓަމަރުންނަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު މިއަދުންފެށިގެން އިތުރުކުރުމަށް ނިންމަވައިފިއެވެ.

މިނިންމެވި ނިންމުމާއެކު ހުރިހާ ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް ހިލޭދޭ ޑޭޓާ އެލަވަންސް އިތުރުކޮށްދެވުމުން، 70% އަށްވުރެ ގިނަ ކަސްޓަމަރުންނަށް ލިބޭ އެލަވަންސް މަދުވެގެން ދެގުނައަށް އިތުރުވެގެންދާނެއެވެ. އަދި މޯބައިލް ކަސްޓަމަރުންނަށް ހިލޭދޭ ޑޭޓާ އިތުރުކޮށް ދިނުމުން، ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް މަދުވެގެން %50 އިތުރު ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

ދިރާގު ފިކްސްޑް ބްރޯޑްބޭންޑަށާއި މޯބައިލްއަށް ހިލޭޑޭޓާ ދީފައިވާ މައިގަނޑު ބައިތަކުގެ ތެރޭގައި

ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް

  • ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50 އާއި %140 އާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވެންސް އެޕްރިލް އަދި މެއި މަހުގައި ދިނުމަށްވަނީ ނިންމާފައިއެވެ.
  • ހަމައެއާއެކު، މާރިޗް މަހު ހުރިހާ ބޫސްޓަރތަކަށް ދީފައިވާ %50 ޑިސްކައުންޓް އެޕްރީލު މަހުގައިވެސް ލިބިގެންދާނެއެވެ.

މޯބައިލް ކަސްޓަމަރުންނަށް

  • ދިރާގު ޕޯސްޑްޕެއިޑް ކަސްޓަމަރުންނަށް އެޕްރިލު އަދި މެއި މަހު %50 އާއި %75 އާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އެލަވަންސް ދޭންވަނީ ނިންމާފައިއެވެ.
  • ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން އެޕްރީލު އަދި މެއި މަހު ބައްލަވައިގަންނަވާ މަންތްލީ ޑޭޓާ އެޑް-އޮން އަށް %50 އިތުރު ޑޭޓާ ދޭން ވަނީ ނިންމާފައިއެވެ.

 

މީގެ އިތުރުންވެސް، ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގާއިމުކޮށްފައިވާ ހުރިހާ ޓާސްކްފޯސް އޮޕަރޭޝަން ސެންޓަރުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދިރާގުން ވިދާޅުވީ މި ފޯރުކޮށްދީފައިވާ ހިލޭ ޑޭޓާގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

 

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް، އަދި ގިނަ އަދަދެއްގެ މީހުން މިދުވަސްވަރު ގޭގައި މަޑުކުރަން ޖެހުމުގެ ސަބަބުން ކިޔެވުމަށާއި، އޮފީސް މަސައްކަތްކުރުމަށާއި، ޢާއިލާއާއި ރައްޓެހިންގެ ޙާލުބެލުމަށާއި، ވަގުތުން ވަގުތަށް މައުލޫމާތު ހޯދުމާއި މުނިފޫހިފުލުވުމަށްވެސް އިންޓަނެޓަށް ބަރޯސާވާން ޖެހިފައިވާ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އެންމެ މުހިންމުވެފައިވާ އެއް ޚިދުމަތް ކަމަށްވާ އިންޓަނެޓް ބޭނުންކުރުމަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، ދިރާގުން ދަނީ މާރިޗް މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް އަދި ޑިސްކައުންޓް ދެމުންނެވެ.

 

 

ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިތުރު މައުލޫމާތު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ. https://www.dhiraagu.com.mv/supporting_our_community.aspx