English Edition
Dhivehi Edition

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޯވިޑް-19ގެ ނުރައްކަލުން، ދިވެހި ޤައުމު ރައްކާތެރިކުރުމަށް، މި ކުރާ ޤައުމީ މަސައްކަތުގައި، ދިވެހި ފުލުހުން އަދާކުރަމުން އެ އަންނަނީ ވަރަށް މުހިންމު، އަދި އެހާމެ ނުރައްކާތެރި ދައުރެއްކަމަށް ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުމުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވަވަމުން ރައީސް އިބްރާހިމް ސޯލިޙް ވިދާޅުވީ ފުލުހުންގެ މަސައްކަތުން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި، ފުލުހުންނަކީ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާނެ ބައެއްކަންކަމަށެވެ.

“މި ބައްޔަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ކުރާ ތަންތަނާއި، ބައްޔަށް ޝައްކުކުރެވޭ މީހުން އެކަހެރިކޮށްފައި ބައިތިއްބާ ތަންތަނާއި، ރިޒޯޓްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އެ އަންނަނީ ދިވެހި ފުލުހުން. މިއީ ވަރަށް ނާޒުކު އަދި ވަރަށް ނުރައްކާތެރި މަސައްކަތެއް. އެހެން ނަމަވެސް، ފުލުހުން އެ ނުރައްކަލާ ކުރިމަތިލައްވައިގެން، ކުރީ ސަފަށް ނުކުމެވަޑައިގެން އެ ތިއްބެވީ، ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި.” ރައީސް ވިދާޅުވިއެވެ.

މި ދަނޑިވަޅުގެ ނާޒުކުކަމުގެ ނާޖާއިޒު ފައިދާ ނަގައި، އެކި ބާވަތުގެ ކުށްތަކަށް އަރައިގަންނަން މަސައްކަތްކުރާ ބަޔަކުވެސް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެބަތިބިކަމަށާއި އެފަދަ ކަންކަމަށް ސަމާލުވެ، އެކަންތައް ހުއްޓުވުމުގައިވެސް ފުލުހުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.

“އެހެންވީމާ، އަޅުގަނޑުމެން އެންމެން، އެ ބޭފުޅުން އެ ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭނެ. މިވަގުތު އެކަމުގެ އަގު ވަޒަންކުރުމަކީ، އެބޭފުޅުންގެ އެ މަސައްކަތް ކާމިޔާބު ކުރުމަށް ފުރުޞަތު ދެއްވައި، އަޅުގަނޑުމެން ބޭރަށް ނުނިކުމެ ގޭގައި ތިބުން. މީހުން އެއްވެއުޅުން މުޅިން ހުއްޓުމަކަށް ގެނައުން” ރައީސް ގެ ޚިތާބުގައި ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އަށާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ފުލުހުންގެ އިސް އޮފިސަރުންނަށާއި، ހުރިހާ ރޭންކްތަކެއްގެ ފުލުހުންނަށާއި، ފުލުހުންގެ ތެރޭގައި ތިއްބެވި އެހެން މުވައްޒަފުންނަށްވެސް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.