English Edition
Dhivehi Edition

ޔޫއޭއީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ދިވެއްސެއް ނޫންކަން ޔަގީން ކުރެވިފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ދިވެއްސަކު އެގައުމުގައި ހުރިކަމަށް ޔޫއޭއީގެ ސަރުކާރާ ހަވާލާދީ އެ ގައުމުގެ ހަލީޖް ޓައިމްސް އަދި ގަލްފް ނިއުސް ފަދަ މީޑިއާތަކުން ބުނެފައި ވާ ކަމަށެވެ. އެހެން ނަަމަވެސް މިއަދާ ހަމަޔަށް ސަރުކާރަށް އެކަން ކަށަވަރެއް ނުކުރެވެ އެވެ. ނަމަވެސް ޔޫއޭއީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހާއަކީ ދިވެއްސެއް ނޫންކަން މިހާރު ސަރުކާރަށް ޔަގީން ކުރެވިފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

“އެކަމާގުޅިގެން ޔޫއޭއީ ސަރުކާރުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަނީ މަޢުލޫމާތު ޙިއްސާ ކޮށްފައި. އެމީހާއަކީ ދިވެއްސެއް ނޫންކަން މިހާރު ވަނީ ޔަގީން ކުރެވިފައި” މަބުރޫކް ވިދާޅުވިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް ޔޫއޭއީއިން ދިވެއްސަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމަށް މެދުއިރުމަތީގެ ބައެއް ނޫސްތަކުން ބުނެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ. އެހީސާބުން ފެށިގެން ފޮރިންގ މިނިސްޓްރީން އެކަމުގެ މައުލޫމާތު ހޯދުމަށް ކުރިމަސައްކަތުން އެއީ ދިވެއްސެއްކަމަށް ނުބެލެވޭކަމަށް ސަރުކާރުން ހާމަކޮށްފައިވާއިރު، އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެއްސަކުވެސް ޕޮޒިޓިވް ވެފައިވާކަމުގެ ޚަބަރުތައްވަނީ ލިބިފައެވެ. ނަމަވެސް ސަރުކާރުން އަދި އެކަން ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ.