ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ފޯރުކޮށްދޭ ޚިދުމަތަށް ބަދަލެއް ނުގެންނާނެ ކަމަށާއި އެހެންނަމަވެސް އުކާލާކުނި ލީކު ނުވާނެހެން ރަނގަޅަށް ބަންދުކޮށްފައި ބަހައްޓައި ދިނުމަށް ވެމްކޯއިން އެދިއްޖެއެވެ.
މިކަމަށް އެދިފައިވަނީ ރާއްޖެއާއި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 އިން ރައްކާތެރި ވުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން މިވަގުތު އަޅަމުން ދާ މުހިއްމު ފިޔަވަޅުތަކުގެ ތެރެއިން ކުނިނެގުމާއި އުކުމަށް ޚާއްސަކޮށްފައިވާ “މުނިސިޕަލް ވޭސްޓް މެނޭޖްމެންޓް ޕްލޭން” އަށް ޙަވާލާ ދެއްވުމަށް ނެރެފައިވާ ބަޔާނެއްގައެވެ.
އެބަޔާނުގައި ވާގޮތުން ކޮވިޑް 19 އިން ރައްކާތެރި ވުމަށްޓަކައި މިވަގުތު އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ އިޖްތިމާޢީ ޤައިދު ކުރުން ދެމެހެއްޓުން ކަމުގައި ވީ ނަމަވެސް ކުނި ނެގުމަކީ ޒަރޫރީ ޢާއްމު ޚިދުމަތަކަށްވުމުން ޤައުމަށް ދިމާވެފައިވާ މިފަދަ ޙައްސާސް ދަނޑިވަޅެއްގައި އެކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބަދަލުގެނައުމަށް ގަސްތު ނުކުރާކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް ވޭސްޓް މެނޭޖްމަންޓް ޕްލޭން އާއި އެއްގޮތަށް ކަސްޓަމަރުން ޢަމަލުކުރުމުގައި ސަމާލުވާންވީ ކަންތައް ތައް ވެމްކޯއިން ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ކުނިބަންދު ކުރާއިރު ކުނިއަޅާފައިވާ ކޮތަޅު އިތުރު ކޮތަޅަކަށް ލާ ބަންދު ކުރުމަށް ސަމާލު ކަން ދިނުމަށާއި ކުނި ބަންދު ކުރުމުގައި ލީކު ނުވާނެ ފަދަ ގޮތަކަށް ޢަމަލު ކުރުމަށާއި ރިހަފަދަ ތަކެތި ކޮތަޅަށް ނޭޅުމަށާއި ކޮތަޅުގެ 2/3 ބަޔަށް ކުނިއެޅުމަށް ސަމާލު ވުމަށާއި ހޯމް ކަރަންޓީނުގައި ހުރި ފަރާތެއް އުޅޭ ގޭބިސީއެއްނަމަ ކުނިކޮތަޅު ގެއިން ބޭރުން ނެގޭނެ އިންތިޒާމެއް ހަމަޖެއްސުން ހިމެނެއެވެ.
މިކަންތައްތަކަށް ސަމާލުކަން ނުދޭ ކަސްޓަމަރުންގެ ކުނި ބަލައިނުގަތުމުގެ އިޚްތިޔާރު ވެމްކޯއަށް ލިބިގެންވާ ކަމަށް އެ ބަޔާނުގައި ވެމްކޯއިން ފާހަގަ ކޮށްފައިވެއެވެ.
ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވެސް ވިދާޅުވީ، ލީކުވާ ގޮތަށް ކުނި ކޮތަޅަށް ތަކެތި ނޭޅުމަށާއި ކުނި ކޮތަޅު ގޮށް ޖެހުމަށް ފަހު އިތުރު ކޮތަޅަކަށް ލުމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން އިން އިލްތިމާސްކޮށްފައިވާ ކަމަށެވެ.