English Edition
Dhivehi Edition

ދުނިޔެއަށް ކުރިމަތިވެފައިވާ ބަލާއާފާތެއްގެ ގޮތުގައި ސިފަކުރާ ކޮރޯނާ ވައިރަސް ޑިސީސް ނުވަތަ ކޮވިޑް-19 ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް މަރުވި މީހުންގެ އަދަދު ސާދަހާހަށް ވުރެ މައްޗަށް އަރައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 3 ލައްކައަށް ވުރެ ގިނަވެއްޖެއެވެ.

ވައިރަހާއި ގުޅިގެން ނެރެމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު މިހާތަނަށް 337،553 މީހަކު ވަނީ އެކި ސަރަހައްދުތަކުން މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

Advt

Advertisement

ޗައިނާގައި މިދިޔަ ޖެނުއަރީ މަހު ފެތުރެން ފެށި މި ވައިރަސް މިހާރު ވަނީ ދުނިޔޭގެ 188 އަށް ގައުމަށް ފެތުރި މުޅި ދުނިޔެއަށް މިކަމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައެވެ. އެގައުމުން މިހާތަނަށް މި ވައިރަހުގެ ސަބަބުން 3270 މީހުން ވަނީ މަރުވެ 81،093 ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް-19ގެ ނުރައްކާ މިހާރު އެންމެ ބޮޑުވެފައިވާ އިޓަލީން އެކަނިވެސް 5476 މީހުން މި ބަލީގައި މަރުވެފައިވާއިރު ޗައިނާއިން މަރުވި މީހުންގެ އަދަދަށް ވުރެ ގިނަ އަދަދެއްގެ މީހުން މިހާތަނަށް ވެސް އިޓަލީން ވަނީ މި ބަލީގައި މަރުވެފައެވެ.

އިޓަލީއަށް އާއި ޗައިނާއަށް ފަހު މި ވައިރަހުގައި ދެން އެންމެ ގިނަ މީހުން މަރުވެފައިވަނީ ސްޕެއިން ގައެވެ. އެގައުމުން މިހާތަނަށް ކޮވިޑް-19 ގައި 28،768 މީހުން ބައްޔަށް ޕޮޒިޓިވް ވެ އޭގެ ތެރެއިން 1772 ގެ ފުރާނަ ވަނީ ގެއްލިފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމުގައި ދައުވާ ކުރަމުން އަންނަ އެމެރިކާއަށް ވެސް ވަނީ މި ވައިރަހުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ. އިޓަލީވިލާތަށް ފަހު ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ ވެސް އެމެރިކާގައެވެ. 33563 މީހަކު އެމެރިކާއިން މި ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު އެގައުމުން މަރުވި މީހުންގެ އަދަދު 420 އަށް އަރައެވެ. އެމެރިކާގެ ރައީސް ސިފަކުރައްވަވާ ގޮތުގައި ކޮވިޑް 19 އަކީ “ޗައިނީޒް ވައިރަސް” އެކެވެ. ސަބަބެއް ކަމަށް ރައީސް ވިދާޅުވަނީ މި ބަލި ޗައިނާއިން ފެތުރިފައިވުމެވެ.

މީގެ އިތުރުން ފްރާންސް، ސައުތު ކޮރެއާ، ސްވިޒްލޭންޑް، ޔޫކޭ އަދި ނެދަލޭންޑް ފަދަ ގައުމުތަކުގައި ހަލުވި މިނެއްގައި މި ވައިރަސް ދަނީ ފެތުރެމުންނެވެ.

މެދުއިރުމަތީގެ މަސްރަހަށް ބަލާއިރު މިބަލީގެ އެންމެ ނުރައްކާ ބޮޑުވެފައިވަނީ އިރާނުގައެވެ. އިރާނުގައި މިހާތަނަށް 20610 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވިއިރު، މަރުވި މީހުންގެ އަދަދު 1556އަށް އަރައެވެ.

ހަމަ އެއާއެކު މެލޭޝިއާގައިވެސް 1183 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ކޮވިޑް-19ގެ ޝިކާރައަކަށްވެ، މެލޭޝިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 8 އަށް އަރާފައެވެ. ޕާކިސްތާނުގައި ކޮވިޑް 19 އަށް 645 މީހަކު ޕޮޒިޓިވްވެފައިވާއިރު މި ބަލީގައި އެގައުމުން 3 މީހަކު މަރުވި ކަމަށް ޕާކިސްތާނުންވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 332 އަށް އަރާފައިވާއިރު 5 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. ސްރީލަންކާއިން 77 ކޭހެއް ރިޕޯޓްކޮށްފައިވާއިރު، އެއްވެސް މީހަކު މަރުވިކަމަށް އެ ގައުމުން އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް19 ގައި 14،655 މީހެއްގެ ފުރާނަ ގެއްލިފައިވާ އިރު ބަލިޖެހުނު 337,570 މީހުންގެ ތެރެއިން ފަރުވާއަށް ފަހު 98،884 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.