English Edition
Dhivehi Edition

ކޮވިޑް-19 އާއި ގުޅިގެން މުޅިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އޮތް މި ދަނޑިވަޅަކީ ވިޔަފާރި ކުރިއެރުމަށްވުރެ އަޅުގަނޑުމެންގެ ގައުމީ ލޯތްބާއި ވަތަނީ ރޫހު އަދި ދިވެހިވަންތަކަން ކުރިއަށް ނެރެ އެހެން ދިވެހިންނަށްޓަކައި ޚިދުމަތް ދޭންވީ ވަގުތުކަމަށް ހެޕީމާކެޓްގެ ސީއީއޯ އަލީ އިޙްސާން (ކެޕްޓަން އިޙްސާން) ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ގައި އަލީ އިޙްސާން ވިދާޅުވެފައިވަނީ މިވަގުތަކީ ގައުމު އަޅުގަނޑުމެންނަށް އެންމެ އެދި ގޮވާލާ ވަގުތުކަމަށާއި ފާއިތުވެ ދިޔަ ހުރިހާ އަހަރުތަކުގައި އަޅުގަނޑުމެން މި ގައުމުގައި ވިޔަފާރި ކޮށްފިން ކަމުގައެވެ.

“އަދި ﷲ ގެ އިރާދަފުޅާއެކު ކުރިމަގުގައިވެސް ކުރާނެ. ނަމަވެސް މިދަނޑިވަޅަކީ ވިޔަފާރި ކުރިއެރުމަށްވުރެ އަޅުގަނޑުމެންގެ ގައުމީ ލޯތްބާއި ވަތަނީ ރޫހު އަދި ދިވެހިވަންތަކަން ކުރިއަށް ނެރި އެހެން ދިވެހިންނަށްޓަކައި ޚިދުމަތް ދޭންވީ ވަގުތު. ތަކެތީގެ އަގު ބޮޑުކުރަން ދެއްކި ދާނެ އެތައް ސަބަބެއް ހުރިނަމަވެސް މައިގަނޑު އެންމެ ސަބަބަކަށް ޓަކައި އަގުތަށް ހިފަހައްޓަމާތޯ. އެ ސަބަބަކީ ދިވެއްސަކަށް ވީތީ އަދި މިފަސްގަނޑުގައި ވިޔަފާރިކުރާކަން. އަޅުގަނޑާއި އަޅުގަނޑު ޒިންމާވާ ކުންފުނިން ﷲގެ އިރާދަކުރެއްވިއްޔާ މިކަން ކުރާނަން. ތިޔަ ބޭފުޅުން ވެސް މިކަން މިގޮތަށް ކޮށްދެއްވުމަށް އެދި އިޚްލާޞްތެރިކަމާއެކު ދަންނަވަން” އަލީ އިޙްސާނުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ސަޕްލައި ޗެއިނަށް ހީނަރުކަން އަތުވެދާނެ ވާހަކަ އާއި ރޯދަ މަހާ އެކު، ޑިމާންޑަށް އަންނަ ބަދަލުގެ ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު އުފުލިދާނެ ކަމަށް ދެކެވޭ ވާހަކަ އަށް މީގެ ކުރިންވެސް ހެޕީ މާކެޓުން ބުނެފައިވަނީ އެކުންފުނިން އެތެރެކުރާ ބާވަތްތައް އަގުބޮޑު ނުވާނެ ކަމުގައެވެ.

“މި ކުންފުނިން އެތެރެކޮށް، ވިއްކާ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ވެސް ރާއްޖެ އެތެރެކުރަން ރޭވިފައިވާ ޓައިމްލައިނާ އެއްގޮތަށް ލިބޭނެ ކަމުގެ ޔަގީންކަން މި ވަގުތަށް ލިބިފައިވާ ވާހަކަ ދަންނަވަމެވެ. ހަމަ އެއާ އެކު، ހުރިހާ ބާވަތެއްގެ އަގު ރަމަޟާން މަސް ނިމެންދެން ވެސް ބޮޑުނުކޮށް ހިފަހައްޓާނެ ވާހަކަ ދަންނަވަމެވެ،” ހެޕީ މާކެޓުން މީގެ ކުރިން ބުނެފައިވެއެވެ.

މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 ރާއްޖޭގައި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައި، ސިއްހީ ނުރައްކަލުގެ ހާލަތު މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. ސަރުކާރު އޮފީސްތައް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެއް ހަފްތާއަށް ބަންދުކުރަން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. ސްކޫލްތަކާއި ކޮލެޖްތަކުގެ ކިޔެވުން ވެސް މިހާރު ވަނީ ދެ ހަފްތާއަށް ބަންދުކޮށްފަ އެވެ.