English Edition
Dhivehi Edition
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމާއި ރައީސްކަމަށް ޢައްޔަންކުރެއްވި އަމްޖަދު މުޞްޠަފާ އަދި މެންބަރުކަމަށް ޢައްޔަންކުރެއްވި ޙަސަން އިބްރާހީމް - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމާއި ރައީސްކަމަށް، ގއ. މާމެންދޫ އަލިވާގެ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އަދި ޓްރައިބިއުނަލުގެ މެންބަރުކަމަށް މ. ހާދޫ، އަލްއުސްތާޛު ޙަސަން އިބްރާހީމް އިއްޔެ ޢައްޔަން ކުރައްވައިފިއެވެ.

އެ ދެބޭފުޅުން މަޤާމަށް ޢައްޔަން ކުރެއްވީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ބޭފުޅުންނާ ހަވާލުކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި މެންބަރުކަމަށް، ޢައްޔަނު ކުރެއްވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ކުރިން ވަނީ އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސްކަމާއި އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ.

އަމްޖަދު މުޞްޠަފާ ވަނީ ލަންކާގައި ހުންނަ އެންގްލިއާ ރަސްކިން ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވާފައެވެ. އަދި އޭނާ ވަނީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވެސް ޙާޞިލްކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް، ޢައްޔަނު ކުރެއްވި މ. ހާދޫ، އަލްއުސްތާޛު ޙަސަން އިބްރާހީމް ކުރިން ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ، ބިޒްނަސް ސްކޫލުގެ ހެޑްއޮފް ޑިޕާޓްމަންޓްކަމާއި އެމްބީއޭ ކޯސް ކޯޑިނޭޓަރކަމާއި ލެކްޗަރަރކަން ކުރައްވާފައެވެ. އަދި އަލްއުސްތާޛު ޙަސަން އިބްރާހީމް ވިޒިޓިން ލެކްޗަރަރއެއްގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީއާ ވިލާ ކޮލެޖުގައި ޙަރަކާތްތެރިވެ ވަޑައިގެންނެފައިވެއެވެ.

ޙަސަން އިބްރާހީމް ވަނީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސީޓީން މާސްޓަރ އޮފް ބިޒްނަސް ޙާޞިލުކުރައްވާފައެވެ. އޭގެ އިތުރުން އެނާ ވަނީ މޯލްޑިވްސް އިސްލާމިކް ޔުނިވަރސީޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ޙާޞިލްކުރައްވާފައެވެ.