English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނާއި ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުންނާ އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އައްޑޫސިޓީ ހިތަދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކު ކަމަށާއި، އެ ދެމީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށެވެ. އަދި އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ހިތަދޫގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މާރިޗް މަހުގެ 10 ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި އެ އޮޕަރޭޝަނުގައި، އެ ދެމީހުން ހައްޔަރުކޮށް އެމީހުން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.