ކޮވިޑް-19 ވައިރަހުގެ ނުރައްކާ ބޮޑުވެ އީރާނުން 50،000 ހަށްވުރެ ގިނަ ގައިދީން ދޫކޮށްލައިފި އެވެ.
އީރާނުގެ ޖަލުތަކުގައި ތިބި ގައިދީން ދޫކޮށްލާފައި މިވަނީ އެޤައުމުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާވައިރަހުގެ ސަބަބުން އެ ވައިރަސް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުގެ ތެރެއިންނެވެ. އީރާނުގެ ޖުޑިޝަރީގެ ތަރުޖަމާނު ވިދާޅުވީ އެޤައުމުގެ ޖަލުތަކުގައި ތިބި 54،000 ގައިދީން ދޫކޮށްލާފައި ވަނީ ކަފާލާތުގެ ދަަށުން ކަމަށެވެ.
އީރާނުން ބުނީ އެޤައުމުން ދޫކޮށްލާފައި ވަނީ ވަކި މިންގަނޑުތަކަކަށް ފެތޭ ގައިދީން ކަމަށާއި އޭގެ ތެރޭގައި ނުރައްކާތެރި ގައިދީން ނުހިމެނޭ ކަމަށެވެ. ގައިދީން ދޫކޮށްލާފައި ވަނީ އެމީހުން ވައިރަހަށް ޓެސްޓުކޮށް ނެގެޓިވް ވާ ގައިދީން ކަމަށްވެސް އެ ޤައުމުން ބުނެއެވެ.
ހަލުވިކަމާއި އެކީ އީރާނުގައި ކޮރޯނާވައިރަސް ފެތުރެމުން އަންނައިރު އެޤައުމުން މިހާތަނަށް 2،000 ހަށްވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. ވައިރަސް ޖެހިގެން އެ ޤައުމުން މިހާތަނަށް 77 މީހުން ވަނީ މަރުވެފައި އެވެ. އެޤައުމުން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ 23 މެމްބަރުންވެސް ހިމެނެއެވެ.
އީރާނުގެ ވައިރަސް ފެތުރޭ މިންވަރު އިތުވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.