ކޮވިޑް-19 ރާއްޖެއިން ފެނިފައި ނުވާކަމަށާއި ވައިރަހާއި ގުޅިގެން ދޮގު ޚަބަރު ނުފެތުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިގޮތަށް އިލްތިމާސްކޮށްފައި ވަނީ ދެންމެ އެ އެޖެންސީ އިން ކުރި ޓުވީޓެއްގައި އެވެ.
އެޗްޕީއޭގެ ޓުވީޓުގައި ބުނެފައި ވަނީ މިއަދާއި (03 މާޗް 2020) އާއި ހަމައަށް ދިވެހިރާއްޖެއިން ކޮރޯނާވައިރަސް(ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައިވާ މީހަކު ފެނިފައިނުވާކަމަށެވެ. ވައިރަހާއި ބެހޭގޮތުން އެޗްޕީއޭ އިން އަންގަމުން އަންނަ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަށާއި އެއްވެސް ދޮގު ޚަބަރެއް ނުފެތުރުމަށް އެޗްޕީއޭގެ ޓްވީޓުގައި އިލްތިމާސްކޮށްފައިވެއެވެ.
As of 3rd March (19:00hrs), CURRENTLY, there are no confirmed cases of #COVID19 in the Maldives.
To effectively combat #COVID19 please follow and circulate information from HPA and do not engage in spreading rumours.@MoHmv
— HPA Maldives (@HPA_MV) March 3, 2020
ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ރާއްޖެއިން ފެނިފައިވާކަމަށް ބުނެ މީސްމީޑިޔާގައި އަޑުފެތުރިފައިވާއިރު ވައިރަސް ރާއްޖޭގައި ފެތުރިފައި ނުވާކަމަށް ރަސްމީކޮށް އިއުލާންކުރުމަށް މިރޭ މިނިސްޓްރީން ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
ކޮވިޑް-19 ދުނިޔޭގެ 50 އަށްވުރެ ގިނަ ޤައުމުން ފެނިފައިވާއިރު 90،000 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ވައިރަސް ޖެހިފައެވެ. މި ވައިރަސްގެ ބިރުވެރިކަން ރާއްޖެއަށް އޮވެދާނެ ކަމަށް ބެލެވޭއިރު ވައިރަސްއާއި ގުޅިގެން ދޮގު މައުލޫމާތު ނުފެތުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.