ހޮރައިޒަން ފިޝަރީޒް އިން މާކެޓް ކުރާ މާންދޫ މަހުގެ ޚާއްޞަ ޕްރޮމޯޝަނެއް އައްޑޫގައި ފަށައިފިއެވެ. ރޯދަ މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ދަޅުގައި ބަންދުކޮށްފައިވާ މަހުގެ ބާވަތްތަކާއި އަދި ޕެކެޓް ކޮށްފައިވާ ބާވަތްތައް ހެޔޮ އަގުގައި ގަނޑުކޮށް ވިއްކަމުން ދާނެ ކަމަށް އެފަރާތުން ބުނެއެވެ. އިއްޔެ އިން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި މަރަދޫފޭދޫ އަދި މަރަދޫ އާއި ފޭދޫގެ ގިނަ ބަޔަކު ވަނީ މާންދޫ މަހުގެ އުފެއްދުންތައް ގަނެފައެވެ. މިއަދު ހެނދުނު ހުޅުމީދޫ ބަނދަރު ސަރަހައްދުގައި މި ޓީމުން ހަރަކާތްތެރިވެފައިވާއިރު މިއަދުގެ މެންދުރުފަހުން މީދޫ ބަނދަރުގައި ޕްރޮމޯޝަންގެ ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށް ހޮރައިޒަން ފިޝަރީޒް އިން ބުނެއެވެ، އަދި މާދަމާ ހިތަދޫގައި މި ޕްރޮމޯޝަން ކުރިއަށް ދާނެކަމަށް ހޮރައިޒަން ފިޝަރީޒް އިން ބުނެއެވެ. ހޮރައިޒަން ފިޝަރީޒް އިން ވިއްކާ މަހުގެ ބާވަތްތަކުގެ ތެރޭގައި މާންދޫ މަސް ފެކްޓްރީގައި ތައްޔާރުކޮށްފައިވާ މަހުގެ އެކި ބާވަތްތައް ހިމެނެއެވެ. ރަމަޟާން މަސް ކައިރި ވެފައިވާއިރު މަސްދަޅާއި މަހުގެ ބާވަތްތަކަކީ އެންމެ ގިނައިން މީހުން ބޭނުންކުރާ ބާވަތެވެ. އެހެންކަމުން ރޯދަ މަސްޖެހުމުގެ ކުރިން ގިނަ އަދަދަކަށް މަސްދަޅު ގަނެވޭތޯ ގިނަ ބަޔަކު އަބަދުވެސް ބަލައެވެ.