English Edition
Dhivehi Edition
"ރަށްވެހި ފަތިސް" ކެމްޕެއިންގެ ތަރުޖަމާނު އަފްޝާން ލަތީފް އާއި މާލެ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދު މާރިޗު 02 ވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި - ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން “ރަށްވެހި ފަތިސް” ފެސްޓިވަލް މާރިޗު 07 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލެ ސިޓީގެ މޭޔަރ، ޝިފާ މުޙައްމަދު ވިދާޅުވީ އެ ރަށްވެހި ފަތިސް ފެސްޓިވަލްގެ އެންމެ ޚާއްސަ ޙަރަކާތަކީ އަންހެނުންގެ ކޮންފަރެންސް ކަމަށެވެ.

އަންހެނުންގެ ދުވަހުގެ އިޙްތިފާލުގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެ ކޮންފަރަންސްގައި ސިޔާސީ މާހައުލުގައި އަންހެނުންނަށް ހުރި ގޮންޖެހުމާއި، އަންހެނުންގެ މަދަނީ އަދި ސިޔާސީ ބައިވެރިވުން އިތުރުކުުރުމަށް އަޅާންހުރި ފިޔަވަޅުތަކާމެދު މަޝްވަރާކުރެވޭނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

އަދި އެ ކޮންފަރަންސްގައި ތަޢުލީމާއި، ސިއްޙަތު އަދި އެހެނިހެންވެސް ދާއިރާތަކުގެ ދައުލަތުގެ މިނިސްޓަރުންނާއި، އޮފިޝަލުން ބައިވެރިވެވަޑައިގެން، އެބޭބޭފުޅުންގެ ދާއިރާތަކުގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް ކަރުދާސް ހުށަހަޅުއްވާނެ ކަމަށްވެސް ޝިފާ ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިފާ ވިދާޅުވީ ފެސްޓިވަލުގައި އޮންނަ ކޮންފަރަންސްގައި އަންހެނުންގެ ރޫހުގެ ކުރިމަގާއި ގުޅޭ މަޝްވަރާތައް ހިންގުމާއި، އިސްތިރާޖީ ޕްލޭނެއް ތައްޔާރުކުރުމާއި، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ހިންގަން ކަނޑައަޅާ މައިގަނޑު ޙަރަކާތްތައް އެކަށައެޅުން އޮންނާނެ ކަމަށެވެ.

މީގެ އިތުރުން ޝިފާ ވަނީ އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އެންމެހައި އަންހެން ކެންޑިޑޭޓުން 7 މާރިޗްގައި ވިލިނގިލީގައި އޮންނަ ރަށްވެހި ފަތިސް ކާނިވަލުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު އަރުވާފައެވެ.

އެ ފެސްޓިވަލްގެ ސްޓޯލްތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ހުންނާނީ ފަސް ދާއިރާއަަކަށެވެ. އެއީ ނޫ އިގްތިސޯދު، އިންސާފު، ޖަޒީރާ ދިރިއުޅުން، އޯގާތެރި ސަރުކާރު އަދި ފަޚުރުވެރި ޢާއިލާއަށް ކަމަށާއި، ސްޓޯލްތަކުން އެ ދާއިރާތަކާބެހޭ މަޢުލޫމާތު ސާފުކުމުގެ ފުރުސަތު ޢާންމުންނަށް ލިބޭނެ ކަމަށްވެސް ޝިފާ ވިދާޅުވި އެވެ.