މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭގޮތުން ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީން އެކުލަވާލި ނެޝަނަލް އެކްޝަން ޕްލޭން ކެބިނެޓުން މިއަދު ފާސްކުރައްވައިފިއެވެ.
1 ޑިސެމްބަރ 2019 އިން ފެށިގެން، މިނިސްޓްރީ އޮފް ޑިފެންސުން ރިޔާސަތު ބަލަހައްޓަމުންދާ ސްޓިއަރިންގ ކޮމިޓީން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދުވެލި އަވަސްކުރުމެވެ.
މިގޮތުން، މި އެކްޝަން ޕްލޭން ހިނގާނެ މުއްދަތުކަމަށްވާ 30 މާރޗް 2020 އިން ފެށިގެން 31 ޑިސެމްބަރ 2022 އާ ދޭތެރޭގައި، މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ޤައުމީ ފެންވަރެއްގައި ރާއްޖެއިން އެޅުމަށް ކަނޑައަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، މީހުން ޓްރެފިކްކުރުމުގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު ބެލުމަށްޓަކައި ބޭސްލައިން ސްޓަޑީއެއް ހެދުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނުގައި މީހުން ޓްރެފިކްކުރުން މާނަ ކުރާ ގޮތް އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްގެ ޑެފިނިޝަނާ އެއްގޮތްކޮށް، ސްޓިއަރިންގ ކޮމިޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެޤާނޫނަށް އިޞްލާޙު ގެނައުމާއި، ސްޓިއަރިންގ ކޮމިޓީ ހިންގުމަށްޓަކައި ޓިޕް އޮފީހެއް ޤާއިމްކުރުމާއި، މީހުން ޓްރެފިކްކުރުމުގެ ކުށަށް ތުހުމަތުކުރެވޭ ފަރާތްތަކާއި އެކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭ ގުޅޭނެ ޚާއްޞަ ހޮޓްލައިނެއް އަލުން ޤާއިމްކުރުން ހިމެނެއެވެ.
މީގެ އިތުރުން، ޓްރެފިކިންގެ ހުރިހާ ބާވަތެއް މޮނިޓަރ ކުރުން އިތުރުކުރުމާއި، ތަޙުޤީޤުތަކާއި، ޕްރޮސެކިއުޝަންތަކާއި، ކޮންވިކްޝަންތަކުގެ ޢަދަދު އިތުރުކުރުމާއި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އިޖްތިމާޢީ ޚިދުމަތްދޭ ފަރާތްތަކަށް ޢަމާޒުކޮށް، ޓްރެފިކިންގ އާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތު ބައްދަލުވުންތައް ހިންގުމާއި، ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 30 ވަނަ ދުވަހު އ.ދ.އިން ފާހަގަކުރާ ވަރލްޑް ޑޭ އެގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް ޑޭ)، ސްޓިއަރިންގ ކޮމިޓީން އިސްނަގައިގެން ރާއްޖޭގައި ފާހަގަކުރަން ފެށުމަށް ނެޝަނަލް އެކްޝަން ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ.
މި އެކްޝަން ޕްލޭން އެކުލަވާލެއްވުމުގައި ޙަރަކާތްތެރިވެވަޑައިގެންނެވި ސްޓިއަރިންގ ކޮމިޓީގެ އެންމެހާ މެންބަރުންނަށާއި، ކޮމިޓީއަށް އެހީތެރިކަން ފޯރުވައިދެއްވި އިންޓަރނޭޝަނަލް ޕާޓްނަރސްއަށް މިނިސްޓަރ އޮފް ޑިފެންސް އަދި ކޮމިޓީގެ ރައީސާ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.
މި ޕްލޭނާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީ އޮފް ޑިފެންސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ޢަލީ ޖައިޝަން ޢާމިރު (7460556) އާ ގުޅުއްވުމަށް އެމްއެންޑީއެފް އިން އެދިލައްވަ އެވެ.