English Edition
Dhivehi Edition

ސޮނީ ޓީވީއިން ގެނެސްދޭ ރިއާލިޓީ ޝޯ އިންޑިއަން އައިޑޮލްގެ ސީޒަން11 ސަނީ ހިންދުސްތާނީ ކާމިޔާބުކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ގެނެސްދިން ފިނާލޭ ޝޯގައި ހަތަރު ބައިވެރިންނާއި ވާދަކޮށް އައިޑޮލް ކާމިޔާބުކުރި ސަނީ ވަނީ އައިޑޮލް ޓްރޮފީ އާއި ސޮނީން ދިން ފައިސާގެ އިނާމުގެ އިތުރުން އޭނާގެ ރީތި އަޑުން ގިނަ ބައެއްގެ ހިތުންވެސް ޖާގަ ހޯދާފައެވެ.މީގެ އިތުރުން ޕަންޖާބަށް އުފަން ސާނީ އަށް ވަނީ ޝޯގައި ހޯދި ފުރިހަމަ ކާމިޔާބީ އާއި އެކު ޓާޓާ އަލްޓްރޯޒް މޮޑެލްގެ ކާރަކާއި އިންޑިއާގެ އެންމެ ބޮޑު މިއުޒިކް ކުންފުނި އަދި ފިލްމު ވެސް އުފައްދާ ޓީ ސީރީޒްގެ ފިލްމުތަކަށް ލަވަކިޔުމުގެ ފުރުސަތު ލިބިފައެވެ.

ޕަންޖާބުގެ ވަރަށް ފަގީރު އާއިލާއަކަށް ނިސްބަތްވާ ސަނީ އަކީ އައިޑޮލް އަށް ދިއުމުގެ ކުރިން މަގުމަތީގައި މީސްމީހުންގެ ބޫޓް ޕޮލިޝްކޮށްދީގެން އާމްދަނީ ހޯދަމުން ދިޔަ ޒުވާނެކެވެ.އެހެންނަމަވެސް އިންޑިއަން އައިޑޮލް އާއި އެކު އޭނާގެ ނަސީބު އަތުގައި ހިފާފައިވާއިރު އޭނާވަނީ ޑިސެމްބަރު މަހު ރިލީޒްކުރި “ދަ ބޮޑީ” އާއި މިދިޔަ މަހު ރިލީޒްކުރި ފިލްމު “ޕަންގާ” އަށް ލަވަކިޔާފައެވެ.

އިންޑިއަން އައިޑޮލް11ގެ ދެވަނަ ރޯހިތު ޝާމް ހޯދިއިރު ތިން ވަނަ ލިބުނީ ވައިލްޑް ކާޑްގެ ދަށުން ވާދަކޮށް، ފައިނަލަށް ވާދަކުރި ހަމައެކަނި އަންހެން ބައިވެރިޔާ އަންކޯނާ މުކަރްޖީ އެވެ. ހަތަރު ވަނަ ރިދަމް އަށް ލިބުނު އިރު ފަސް ވަނަ ލިބުނީ އަދްރީޒް ގޯޝްއަށެވެ.