English Edition
Dhivehi Edition

ޕޮލިމާ ކަރުދާހުގައި ހަދާފައިވާ ފަސް ރުފިޔާގެ އާ ނޫޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ތައާރަފުކޮށްފި އެވެ. މިއަދު ހެނދުނު އިސްކަންދަރު ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައ މި ނޫޓް ނެރެދެއްވީ ގަވަރުނަރު އަޒީމާ އާދަމްއެވެ.އެމްއެމްއޭއިން ބުނީ ފަސް ރުފިޔާ ތައާރަފް ކުރީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ކަމަށާއި އެހެން ނަމަވެސް އާއްމުން ބޭނުންކުރުމަށް ނެރޭނީ ޖުލައި މަހުގެ ތެރޭގައި ކަމަށެވެ. ފަސް ރުފިޔާގެ ނޫޓް ޑިޒައިންކޮށްފައި ވަނީ މުވާސަލާތު ކުރުމާއި އިޖްތިމާއީ ގުޅުން ދައްކުވާދޭ ކޮންސެޕްޓެއްގެ މައްޗަށެވެ. މި ނޫޓުގެ އެއް ފަޅީގައި ސަންގެއް ކުރަހާފައިވާ އިރު އަނެއް ފަޅީގައި ހުންނަނީސަގާފީ އެކި ކުޅިވަރުތައް ކުޅޭ މަންޒަރުތަކާ އެކު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭގެ ފޮޓޯއެކެވެ. މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ނެރެފައިވާ “ރަންދިހަ ފަހެއް”ގެ ނޫޓަކީ ސަލާމަތީ ސިފަތަކެއް ވަރުގަދަކޮށް ހަދާފައިވާ ނޫޓްތަކެކެވެ. އަދި މިއަދު ނެރުނު ފަސްރުފިޔާގެ އާ ނޫޓަކީ މިހާރު ބޭނުންކުރާ ޕޮލިމާ ނޫޓުތަކާ އެއްވަރުގެ އަދި 10، 20 އަދި 50 ރުފިޔާގެ ހުރިހާ ސަލާމަތީ ސިފަތަކެއް ހިމެނޭ ނޫޓެކެއްކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.އިގިރޭސިވިލާތުގައި ޕްރިންޓްކޮށްފައިވާ ރަންދިހަފަހެއްގެ ފަސް ރުފިޔާގެ އާ ނޫޓު ވެސް ޑިޒައިން ކޮށްފައި ވަނީ، ކުރީގެ ނޫޓުތައް ވެސް ޑިޒައިން ކުރި އަބްދުﷲ ނަޝާތު އެވެ. މިހާރު ބޭނުންކުރާ ދެ ރުފިޔާގެ ފައިސާ ފޮއްޗަށްވެސް ބަދަލު ގެނެސް މިހާރު ބޭނުންކުރަމުންދާ ދެ ރުފިޔާ އަށްވުރެ ލުއި ރުފިޔާ މިއަހަރު ނެރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ