English Edition
Dhivehi Edition
އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ފެށުމަށް މާލޭގައި ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

“ރަށްވެހި ފަތިސް” ކެމްޕެއިން ވީހާވެސް ބޮޑަށް ތިމާވެއްޓާއި ރައްޓެހިގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ކެމްޕެއިންގައި ވީހާވެސް މަދުން ޕްލާސްޓިކް ބޭނުން ކުރަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފި އެވެ.

އެމްޑީޕީ ކެމްޕެއިންގެ ތަރުޖަމާނު އަފްޝަން ލަތީފު މިއަދު ވިދާޅުވީ އެ ޕާޓީން ޕްރޮމޯޓުކުރާ ސިޔާސަތުގެ މަތިން އަދި ޚާއްޞަކޮށް “އެޖެންޑާ19” ގައި ވަކާލާތު ކުރަމުން ގެންދިޔަ ކަންތައްތަކާއި އެއްގޮތްވާ ގޮތަށް ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދާ ޕާޓީގެ “ރަށްވެހި ފަތިސް” ކެމްޕެއިންގައި ބޭނުންކުރާ މެޓީރިއަލްސް ތަކަކީ ވީހާވެސް މަދުން ޕްލާސްޓިކް ބޭނުންކޮށް ކުރިޔަށް ގެންދާނެ ކެމްޕެއިންއެއް ކަމަށެވެ. އަދި 21 ފެބްރުވަރީ ވީ ހުކުރު ދުވަހުގެރޭ ބޭއްވި “ރަށްވެހި ފަތިސް” ކެމްޕެއިން ލޯންޗިންގ ޖަލްސާތަކުގައި ބޭނުންކުރި ބެކްޑްރޮޕްތަކަކީ ފޮތިން ހަދާފައިވާ ބެކްޑްރޮޕްތަކެއްކަމަށާއި މާލެ ޖަލްސާގައި ހަރުކުރެވިފައިވާ 20 ފޫޓު 40 ފޫޓުގެ ބޮޑު ބެކްޑްރޮޕަކީވެސް ފޮތިކަމަށް އަފްޝާން ވިދާޅުވި އެވެ.

އަފްޝާން އިތުރަށް ވިދާޅުވި ގޮތުގައި “ރަށްވެހި ފަތިސް” ޖަލްސާ ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށެވެ.

ސަރުކާރާއި ޕާޓީއާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރައްޔިތުންގެ ޝަކުވާތައް ޙައްލުކުރުމަށް މަސައްކަތް ކުރާނެކަމަށާއި އެކަން ޕާޓީގެ “އެޖެންޑާ19” ގައި ހުށަހެޅި ސިޔާސަތުތަކުން އަދި “އެޖެންޑާ19” ގެ ދަށުން މަޖިލީހުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ސާބިތުވެގެންދާކަމަށްވެސް އަފްޝާން ވިދާޅުވި އެވެ.

މީގެ އިތުރުން ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ހިންގުމުގެ ޤާނޫނު 19 ވަނަ ރައްޔިތުންގެ މަޖިލީހުން އިސްލާހުކުރިއިރު، ޚާއްސަ އިސްކަމެއްދެވިގެން ކައުންސިލްތަކުގެ %33 އަންހެންވެރިންނަށް ކަނޑައަޅާފައި އޮތްއޮތުމަށް އިޝާރާތްކުރައްވައި އަފްޝާން ވިދާޅުވީ އެމްޑީޕީގެ އަންހެން ކެންޑިޑޭޓުންގެ އަދަދަކީ 337 ކަމަށާއި އެއީ ޕާޓީން މިއިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ %38 ކަމަށާއި ކުރިއަށްއޮތް ކައުންސިލް އިންތިޚާބުނިމި ރަށްވެހި ފަތިހަށް އަލިވިލުމާއެކު ރަށްރަށުގެ ހުރިހާ މަޝްރޫޢު އެއްވެސް، ހުރިހާ ޕްރޮޖެކްޓެއްވެސް ހިންގޭނީ އަންހެނުންގެ ބޮޑު ޙިއްސާއެއް އޮވެގެން ކަމަށާއި، އެއާއެކު ހައްލު ނުލިބި ހުރި ގިނަ މައްސަލަތަކަށް ދާއިމީ ޙައްލު އަންނަ މަންޒަރު ފެންނާނެ ކަމަށެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން އަފްޝަން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ 877 އެޕްލިކޭޝަން ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގެންފައިވާ ކަމަށެވެ. އަދި މިއާއެކު އެމްޑީޕީ އަށް 877 ކައުންސިލް ކެންޑިޑޭޓުން ކަށަވަރުވެފައިވާ ކަމުގައި އަފްޝާން ވިދާޅުވިއެވެ.

އަދި ހަމަ ފެބްރުވަރީ 27 ވަނަ ދުވަހަކީ ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވާ ދުވަސްކަމަށާއި ފަހުވަގުތަށް ނުތިއްބަވާ ވީހާވެސް އަވަހަށް ރީ-ރެޖިސްޓްރީ ކުރައްވަންޖެހޭ ފަރާތްތަކުން ރީ-ރެޖިސްޓްރީކޮށް ނިންމުމަށް އަފްޝާން އެދިވަޑައިގަތެވެ. އަދި ރީ-ރަޖިސްޓްރޭޝަންގެ ކަންކަމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާފަރާތްތަކަށް އެމްޑީޕީ ކެމްޕެއިން އޮފީހުން އެކަން ހަމަޖެހިފައިވާ ކަމަށްވެސް އަފްޝާން ވިދާޅުވިއެވެ.

މީގެ އިތުރުން އަފްޝާން ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެޕްލިކޭޝަން ހުށަހެޅުމަށް އެންމެފަހުގެ ތާރީޚަކީ މިހިނގާ ފެބްރުވަރީ މަހުގެ 24 ވާ ހޯމަ ދުވަސްކަމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެޕްލިކޭޝަން ހުށަހެޅުމަށް އެހީތެރިކަމެއް ބޭނުންވާ ފަރާތްތައް އެމްޑީޕީ ކެމްޕެއިން އޮފީހަށް ވަޑައިގަތުމުން އެކަމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށެވެ.