English Edition
Dhivehi Edition

2012 ވަނަ އަހަރު ޑިސެމްބަރ މަހު 16 ވަނަ ދުވަހު ދިއްލީގެ މަގަކުން ދުއްވާފައި ދިޔަ ބަހެއްގައި ގޭންގަކުން ރޭޕް ކޮށް ބޮޑެތި އަނިޔާތަކެއް ދީ މަގުމައްޗަށް އެއްލާލި އުމުރުން 23 އަހަރުގެ ޖޯތީ ސިންގް (ނިރްބަޔާ) ގެ ގާތިލުންނަށް މަރުގެ އަދަބު ތަންފީޒުކުރާ ތާރީހު ކަނޑައަޅައިފިއެވެ.

އިންޑިއާ ޓައިމްސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޖޯތީގެ ހަތަރު ގާތިލުން ދަންޖަންސައްސަން ނިންމާފައިވަނީ އަންނަ މާރިޗް މަހު 3 ވަނަދުވަހު ހެނދުނު 6ޖަހާއިރުއެވެ.

ނިރްބަޔާ ރޭޕްކޭހަށް މިހާރު ހަތްއަހަރު ފުރިފައިވާއިރު ކޯޓުގެ މައްސަލަބާލަ ގާޒީޔަކު މީޑިއަތަކަށް ބުނެފައިވަނީ ގާތިލް ވިނޭޝަރުމާ އަށް ޖަލުގައި ހަމަނުޖެހުންތަކާއި ދިމާވެ އޭނަ ކޮންމެވެސް ވަރަކަށް ސިކުނޑީގެ މައްސަލަ އެއް ކުރިމަތިވެފައިވާކަމަށާއި އަދި މިހާރު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް އޭނަކުރަމުންދާތީ މިމައްސަލައިގައި މިހަތަރު މީހުން ދަންޖެއްސުން ލަސްވީ ކަމަށެވެ. މީގެ އިތުރުން ގާޒީ ބުނެފައިވަނީ މިހަތަރުމީހުން އެއްކުށެއް ކޮށްފައިވާއިރު ފަހަރަކު މީހަކު ދަންޖެއްސުން ރަނަގޅުނޫންކަމަށް ދެކޭކަމަށާއި ހަތަރުމީހުން ދަންޖައްސައި މަރާނީވެސް އެއްކޮށް އެއްދުވަހެއްގައި ކަމަށެވެ.

ޖޯތީ ރޭޕްކުރުމުގައި ބައިވެރި އިތުރުމީހަކު ވަނީ މިމައްސލަައިގައި ޖަލުގައި ބަންދު ކޮށްފައި ހުއްޓާ އަމިއްލައަށް މަރުވެފައެވެ.

ޖޯތީގެ މަރަށް މިދިޔަ ޑިސެމްބަރ މަހު ހަތްއަހަރު ފުރުމާއެކީ އޭނަގެ މަންމަ ވަނީ ގާތިލުން އެދުވަހު ދަންޖައްސައިދިނުމަށް އެދި މުޅިއިންޑިއާ އަށް ގޮވައިލާފައެވެ. އެހެން ނަމަވެސް މި ހަތަރުމީހުން ދަންޖެއްސުމުގައި ނިންމަން ޖެހޭ ކަންކަން ފުރިހަމަ ނުވާތީ އެދުވަހުވެސް އެމީހުންނަށް މަރުގެ އަދަބު ތަންފީޒު ނުކުރެވުނެވެ.

2012 ވަނަ އަހަރު ޖޯތީ އޭނަގެ ރައްޓެހި ފިރިހެން ކުއްޖަކާ އެކީ ފިލްމެއް ބަލަން ގޮސްފައި ގެޔަށް ދިޔުމަށް ބަހަކަށް އަރައި އިންދާ އޭނަގެ ރަހުމަތްތެރިޔާ އަށް އަނިޔާކޮށް އޭނަގެ ކުރިމަތީގައި އެބަހުގައި ތިބި 5މީހަކު ވަނީ ޖޯތީ ރޭޕް ކޮށް އޭނަގެ ޖިންސީ ގުނަވަނަށް ބޮޑެތި އަނިޔާ ތަކެއްދިނުމަށްފަހު ރަހުމަތްތެރިޔާ އާއި ޖޯތީ ގެ ހަށިގަނޑު މަގުމައްޗަށް އެއްލާލާފައެވެ. މިހާދިސާގައި ޖޯތީ އަށް ލިބިނު އަނިޔާއަށް އިންޑިޔާއިން ފަރުވާ ދިނުމަށް ފަހު ސިންގަޕޫރުގެ ހޮސްޕިޓަލަކަށް ގެންގޮސް އިތުރު ފަރުވާ ދެމުން ދަނިކޮށް އޭނަ މަރުވެފައިވަނީ ޑިސެމްބަރ މަހު 29 ވަނަ ދުވަހު އެވެ.

މިހާދިސާ އަކީ އިންޑިއާގެ ތާރީހުގައި ހިނގި ރޭޕްގެ އެންމެ ބޮޑުއެއް ހާދިސާއެވެ. އަދި މިހާދިސާ އަށް ފަހު އިންޑިއާގައި ރޭޕް ކުރުމާއި ދެކޮޅަށް އެތައް ބަޔަކު ނިކުމެ މި އަމަލު ހުއްޓުވަން ސަރުކާރަށް ގޮވާލައި މުޒާހަރާ ކުރެއެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އިންޑިއާގެ ސަރުކާރުން މިއަމަލު ހުއްޓުވުމަށް ވަނީ ނުކުޅެދިފައެވެ.